Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ތަރައްގީގެ ޕްލޭނަށް ކޮންސަލްޓެންސީ ފާމެއް ހޯދަނީ

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކޮށްދޭނެ ރާއްޖެ އާއި ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީއައިއޯ) ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމައަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތުގެ މަގުސަދަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާ ހުރި ގޮތެއްގައި ތަންފީޒު ކުރުމާއި މޮނިޓާކުރުމާއި އިވެލުއޭޓްކުރެވޭނެ ނިޒާމު ހިމަނަން ވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ގައުމީ ޕްލޭނަކީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެކުލަވާލައިި ނިންމަން އަމާޒު ހިފާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނުއަސާސީ އަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ޕްލޭންގެ މަސައްކަތް ފެށުމަށް މިދިޔަ މަހުގެ 6 ގައި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.