ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ލާޒިމު ކުރުމަކީ ފޭރުން ކަމަށް ކަމަށް ރިސޯޓް ވިޔަފާވެރިޔާ އަހުމަދު ސިޔާމް ސަން ސިޔާމު) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގައި ދ. މީދޫ ދާއިރާގެ މަޖލިސް މެންބަރު ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް އަސަރުކުރާ ގޮތަށް ގެންނަ ބަދަލުތަކާ ގުޅިގެން އޭގެ ނުރަނގަޅު އަސަރު ވިޔަފާރިއަށް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން މިއީ ފަސްސަތޭކަ ޑޮލަރު ބޮލެއްގެ މައްޗަށް އެކްސްޗޭންޖު ކުރުމަކީ. ކުރެވޭނެ ކަންކަމުގެ ވާހަކަ އަޅުގަނޑުމެންގެ ކައިރީ ދެއްކީމާ އަޅުގަނޑުމެންނަށް އެކަމެއް ކުރެވޭނެ. އެކަމަކު މަޖުބޫރުކޮށްފިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރަން މަޖުބޫރުވާނެ. ދެން އަޅުގަނޑުމެންގެ ކުންފުނިތައް ހަލާކުވާނީ،" ސިޔާމް ވިދާޅުވި އެވެ. "ކިހިނެއްތޯ އަޅުގަނޑު އަތުގައި އޮތް ހަލާލު އެއްޗެއް އަތުލަން ދިމާކުރާނީ؟ އެއަށް ކިޔާނީ ފޭރުން. އެ ފޭރިގެން ނުވާނެ."
ސިޔާމް ވިދާޅުވީ އޭނަގެ ރިސޯޓްތަކުން ދިވެހި މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުން ނަމަވެސް މުސްތަގުބަލުގައި އެ މުވައްޒަފުންނަށް ވެސް މުސާރަ ދޭން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިވެރިންނަށާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށް ވެސް ގެއްލުން ވާނެ ކަމަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ގޮތުގައި ރިސޯޓް ވެރިން އެތަންތަން ތަރައްގީ ކުރުމަށް ބޮޑެތި ލޯނުތައް ނަގަނީ އެ ފައިސާ އަނބުރާ ދައްކާނެކަމުގެ ބޮޑު ޔަގީންކަމެއް އިންވެސްޓަރުންނަށް ދީގެން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ޓެކްސްތައް ވެސް ބޮޑުކުރުމަކީ ހަރަދު ބޮޑުވެ، ލޯނު ދެއްކުމަށް ދަތިތައް ކުރިމަތިވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެގޮތަށް އެކަންތައް ކުރީމާ ކިހިނެއްތޯ އަޅުގަނޑުމެން ވަގުތުން އެ ފައިސާ ދައްކާނެ ގޮތެއް ހަމަޖެހޭނީ؟" އޭނަ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ރިސޯޓުތަކުގެ ކޮޓަރިތައް އާންމުކޮށް ޓޫރިސްޓުންނަށް ވިއްކުމަށް ޓުއަ އޮޕަރޭޓަރުންނާ އެކު އެކެއް ނޫނީ ދެ އަހަރު ކުރިން އެއްބަސްވުން ހަދާ ކަމަށެވެ. އަދި އެ އެއްބަސްވުން އެކުލަވާލާފައި އޮންނަނީ އަގުތަކާ އެކު ކަމަށާއި އެ އަގަށް ބަދަލު ގެނެވޭ ގޮތަށް އެއްބަސްވުމުގައި ނޯންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޕާޓްނަރުންނާ އެކު އެއް އަހަރުގެ އެއްބަސްވުން އޮވޭ އަގުތަކާ އެކު، ދުއިސައްތަ ޑޮލަރު ނަމަ އެގޮތަށް. އެއަށްވުރެ ބޮޑެއް ނުކުރެވޭނެ. އެކަމަކު ސަރުކާރުން ޓަސް ލާފައި މި ޓެކްސް ބޮޑުކޮށްލަނީ. ބޮޑުކޮށްލީމާ އޮޕަރޭޓަރުން ކައިރީ މި ބުނަނީ މި [ބޮޑުވާ އަދަދު] ނަގައިދޭށޭ. ސަރުކާރުން ޓެކްސް ބޮޑުކޮށްފިޔޭ. ބުނީމާ އެމީހުން މި ބުނަނީ ތިމަންނަމެން ބުކިން ކެންސަލްއޭ ކުރާނީ. ކެންސަލްކުރި. ވަރަށް ބައިވަރު ކެންސަލްކުރި،" ސިޔާމު ވިދާޅުވި އެވެ. "އެންމެ ފަހުން ކެންސަލްކުރާވަރު ގިނަވެގެން ގޮސް އަޅުގަނޑުމެންނަށް އޮބިނޯވެގެން އަޅުގަނޑުމެން ބުނީ ތި ލާރި އަޅުގަނޑުމެން އަމިއްލައަށް ދައްކާނިއްޔޭ."
ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކަށް ގެނައި ބަދަލާ އެކު ކުރިއަށް އޮތް ތިން އަހަރު އެކަނި ވެސް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 12 މިލިއަން ޑޮލަރު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތަށް ގެއްލުންވާނެހެން ސިޔާސަތުތައް ބައްޓަން ކުރުމަކީ އިގްތިސާދަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ސިޔާމު ވިދާޅުވި އެވެ.