Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އަލަށް ރިޓަޔާކުރާ މީހުންގެ އެލަވެންސް ކަނޑާލުން ބާތިލު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބައެއް އިދާރާތަކުން ހިންގާ ރިޓަޔަމަންޓް ސްކީމްގެ ތެރެއިން، ވަޒީފާއިން އަލަށް ރިޓަޔާވާ މީހުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސް ނުދޭގޮތަށް ނިންމި ނިންމުން ސަރުކާރުން އުވާލަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސް މުއިއްޒު ހުށަހެޅުއްވި މައްސަލައަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ރިޓަޔަރމަންޓް ޕެންޝަން ދިނުމުގައި ޢަމަލުކުރަމުންދާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، އެކިއެކި ފަރާތްތަކުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައްޔިތުން ބޭނުންވާ ގޮތަކީ މި ވަގުތަށް މި ބާވަތުގެ ރިޓަޔާމަންޓުގެ އެލަވަންސްތައް ކަނޑާލުން ނޫން ކަމަށް ދެކެވަޑައިގަންނަވާތީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކި މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީ ބާޠިލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

އެއާއެކު އައު މުސާރައިގެ އޮނިގަނޑަށް ބަދަލުވާ ފަރާތްތަކުގެ ރިޓަޔާމަންޓް ޕެންޝަންގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އަދި އެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ފަރާތްތައް، އެ އޮނިގަނޑަށް ބަދަލުވުމާ ހަމައަށް، ރިޓަޔާމަންޓް ޕެންޝަނާ ގުޅޭ ކަންކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަނީ ނިންމާފަ އެވެ.