ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތަށް، ރީހެބިލިޓޭޝަން ފްރޭމްވަރކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި، ޖަލުން ބޭރުގައި ޤައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށާއި، ރީހެބިލިޓޭޝަން ފްރޭމްވަރކާއި، މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ޙުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށާއި، ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަރުދާހުގައިވާ ގޮތުގެ މަތިން އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވާފަ އެވެ.
މިގޮތުން މި ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ހަވާލުކުރެވި، އެކަންކަން ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށްވެސް ހަމަޖައްސަވާފައިވެ އެވެ.