އާބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ތަޞްދީޤު ކުރައްވައިފި އެވެ.
މި ބިލުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އާބަން ޑިވެލޮޕްމަންޓްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމާގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. އެއީ، މިހާރުގެ ގޮތުންނަމަ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރާ ފަރާތްތަކަށް ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި އޮތޯރިޓީ ހިނގަމުންދާނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަރބަން ޑިވެލޮޕްމަންޓްގެ ބިލު މިއަދު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަ މަސްދުވަސް ފުރިހަމަވާ ތާރީޚުން ފެށިގެންނެވެ.