Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެންސްޕާ އިން މަނީ ލޯންޑާކޮށްފި، ހީނާ އިސްތިއުފާ ދީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މަނީ ލޯންޑަރިންގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށާއި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި ހީނާ ވަލީދު މަގާމުން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލްގެ ކުންފުނި ކަމަށްވާ، މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާ އިމާރާތެއްގެ ފްލޯތަކެއްގައި އެންސްޕާ ހިންގަން ކުއްޔަށް ހިފުމުންނެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން އެންސްޕާ އިން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ހައުސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ "މޫކައި ސުއިޓްސް"ގައި އެންސްޕާ ހިންގަމުން އައީ އޮފީހެއްގައި ވަރަށް ކުޑަ ގޮތަކަށް ކަމަށާއި ނަމަވެސް ބުރިބުރިއަށް ހުރި ތަނެއް ކުއްޔަށް ހިފަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެންސްޕާ އިން ކޮށްފައިވަނީ އެ ކުންފުނީގެ ބޭނުމާއި ނުބައްދަލު ކަމެއް ކަމަށާއި މިކަމުގެ ވާހަކަތައް މީޑިއާ އަށް ތިލަވުމުން ދެން އެއްބަސްވުމުން ބާތިލުކުރި ނަމަވެސް "އެއީ ނުކުރާ ހިޔާނާތަކަށް" ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއޮތީ މަނީ ލޯންޑާކޮށްފައި. މިހާ ހިސާބުން މުއިއްޒު އެބަ ވިދާޅުވެދެއްވަންޖެހޭ ރައްޔިތުން ކައިރީގައި މޯލްޑިވްސް މީޑިއާ ހައުސް އަކީ ތިމަންނަގެ ތަނެއް ނޫނޭ. އެހެން ނުވާ ކަމަށްވާނަމަ މުޅި ރައްޔިތުން ގަބޫލުކުރަނީ މިއީ މުއިއްޒުގެ ޓީވީ ކަމަށް. ހީނާ އެބަޖެހޭ މަގާމުން ދުރަށްދާން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ހީނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވެސް އުފުލަންޖެހޭ ކަމަށާއި ނަޒާހަތްތެރި ގޮތަކީ މިކަމުގައި ޝާމިލުވާ މީހުން މަގާމުތަކުން ދުރަށް ދިޔުން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ބަޔާންތަކެއް ނެރުނަސް ގޯސްކޮށް ކޮށްފައި ހުރި ކަންކަން ރަނގަޅެއް ނުވާނެ ކަމަށާއި މިއީ ބޮޑު ސިންގާ މަނީ ލޯންޑަރިންގެ ކަންތައްތަކެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.