Last Updated: July 19, 11:46
Saturday, July 19, 2025
ކުޅިވަރު

އެފްއޭ ކަޕްގައި ޔުނައިޓެޑާއި އާސެނަލްގެ ކުރިމަތިލުމެއް

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި، އިނގިރޭސި ފުޓްބޯޅައިގެ ޒަމާންވީ ވާދަވެރި ދެ ކްލަބް ކަމަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ. އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އަމިއްލަ ދަނޑުގައި އާސެނަލުން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

އާސެނަލް އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ. މި މުބާރާތް ދެވަނަ އަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން ވަނީ އެފްއޭ ކަޕް 13 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި މުބާރާތުގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ސަލްފޯޑް ސިޓީއާ އެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ނިކުންނާނީ އެކްރިންގްޓަން ސްޓޭންލީއާ ކަމަށްވާއިރު، ޗެލްސީ ބައްދަލުކުރާނީ މޯކަމްބްއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ޓެމްވޯތްއާ ދެކޮޅަށެވެ.