Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

އަމާން ކަމަށް ފުލުހުން ބުރަކޮށް މަސައްކަތް ކުރޭ

ހާއްސަކޮށް މިހާރު މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ވަރަށް ގިނަ އިރު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ގާތްގަނޑަކަށް 12 ގަޑިއިރު މަސައްކަތް ކުރާކަން ފާހަގަކުރައްވާ ސީޕީ ވަނީ ފުލުހުން މިވަގު ޤައުމަށް ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވެފައެވެ.

"މި ކުދިންގެ އާއިލާ އާއި އަދި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ވެސް ހުންނާނެ. ނަމަވެސް މީގެ ކުރިން ލިބުނު ވަރަށް ގިނަ ވަގުތުތަކެއް ހަމަ ރައްޔިތުންގެ ޚިދުމަތުގަ އެކުދިން ރައްޔިތުންގެ ކަންބޮޑުވުންތަކުގައި ރައްޔިތުންނާ އެކު އެ ހޭދަ ކުރަނީ،" ސީޕީ ވިދާޅުވި އެވެ. "މި ފުރުސަތުގަ އަޅުގަނޑު މި މުއައްސަސާގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން ދިވެހި ފުލުހުން ރައްޔިތުންގެ ހިމާޔަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ ފުލުހުންނަށް ޝުކުރު ދަންނަވަން."

އޭނަ ވިދާޅުވީ ޓްރެއިނިން ހެދުމަށްޓަކައި 300 އަށް ވުރެ ގިނަ ފުލުހުން އުޅެމުންދާ ދުވަސްވަރެއްގައި އެ ފުލުހުންގެ މަސައްކަތް ވެސް މި ވަގުުތު ޑިއުޓީގަ އުޅޭ ފުލުހުން އަދާކ ކުރަމުން އަންނަ ކަމަށެވެ.

ސީޕީ ވިދާޅުވީ މިވަގުތު ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް ޓްރެއިނިން ހަދަމުން އަންނަ ފުލުހުން ޚިދުމަތަށް ނުކުތުމުން އާއިލާ އެކީ ގިވަ ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބޭނެ ކަމަށެވެ. އަދި މިފަދަ ކޮންމެ ދަތި ވަގުތެއްގައި ފުލުހުން ހާމަކޮށް ދެނީ ފުލުހުންގެ ޚިދުމަތުގެ ޚާއްސަކަން ކަމަށާއި ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޭލާ ތިބޭ ބައެއްކަން ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިއުމާ ގުޅިގެން މާލެ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު މަގުތަކުގައި ބާރުބޮޑުވާ ގަޑިތަކުގައި މާލޭގެ 21 ސަރަޙައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަން ފާހަގަ ކުރެއްވި އެވެ.

އެ މަސައްކަތްތައް މޮނިޓަރކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި މިހާރު ވަނީ ޤާއިމުކޮށްފަ އެވެ. ސީނިއާ ފުލުހުން އެ ސެންޓަރުތަގައި 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

މީގެއިތުރުން ގޭންގު ކުށްތައް ހުއްޓުވުމަށް ޤާއިމުކުރި ވިންގާއެކު، މާލެ އާއި ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ ސަރަޙައްދުތައް، އެކަމަށް ޚާއްސަ ފުލުހުން ޤަވައިދުން ބަލަހައްޓަމުން ގެންދާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ކުރިއެރުންތައް ހޯދަމުން އަންނަ ކަމަޑް ވެސް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ ބައިވެރިވުން އިތުރުކޮށް، ރައްކާތެރިކަމުގެ އިޙުސާސުކޮށް ދިނުމަކީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކުން ފުލުހުންގެ ޚިދުމަތުން ނެރެން ބޭނުންވާ އެންމެ މުހިންމު ނަތީޖާ ކަމަށެވެ.