ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ ފިކުރު ދަންނަ އަދި އެ ޕާޓީ ދެކެ ލޯބިވާ ބަޔަކު ވެސް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހުމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އިއްޔެ އުވައިލި ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް އިންިހާބުައި ވާދަނުކުރެވޭ ގޮތަށް ހެދުމުން އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި އައްދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ޕީޕީއެމުން އުވާލުމުން އެކަމުގެ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އޭނަ ސިފަކުރެއްވީ މިއީ 34،000 އަށް ވުރެ ގިނަ މެންބަރުން ތިބި ޕާޓީގެ މެންބަރުން މަގުމަތިކޮށްލުމެއްގެ ގޮތުގަ އެވެ.
"ޕާޓީ މެންބަރުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި، ޕާޓީމެންބަރުން މަގުމަތި ކޮއްފަ، ބަސްއަހާ ދެ ބޯއިންހެން އައިސް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ޣައްސާން މައުމޫން ލަދު ގަންނަން ޖެހޭ ގަރާރޭ، ސަރުކާރޭ ކޯލިޝަނޭ މަސްލަހަތޭ ވިދާޅުވެ ވާހަކަފުޅު ދައްކަވަން. ކޮބާ ކޯލިޝަން؟" އައްދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ޕީޕީއެމް އުވައިލިޔަސް ޕީއެންސީ އަކީ އެ ފިކުރު ނޫން ކަމަށާއި ޕީއެންސީގެ ފިކުރަކީ މެންބަރުންނާ ވަރަށް ބީރައްޓެހި ފިކުރެއް ކަމަށެވެ.
"ޕީއެންސީގައި ވެސް ގިނައީ މަޖިލިސް އިންތިހާބު ޕްރައިމަރީ ސްކޭމުގައި އަޅުގަނޑުމެން ޖައްސުވާ ފުރުވި ފޯމް، ފިކުރުވެގެން ފުރި ފޯމެއް ނެތް. ކޮބާ ފޯރިއާ އެކު ޕާޓީ ހިންގަން ތިބި މީހުން މިހާރު؟" އައްދު ސުވާލު ކުރެއްވި އެވެ.
އޭނަ ވިދާޅުވީ ޕީއެންސީގައި ގައުމަށާއި ޕާޓީ އަށް އިހުލާސްތެރި ބަޔަކު ނެތް ކަމަށެވެ. ޕީއެންސީގެ ފިކުރަކީ ކޯއްޗެއްކަން އެނގޭ އަދި އެ ޕާޓީ ދެކެ ލޯބިން ތިބި ބަޔަކު ވެސް ނެތް ކަމަށެވެ. އަދި ކުރީގެ "އެތި ކަޑަވެގެން" އެއަށް ވުރެ ރަނގަޅު އެއްޗެއް ހޯދަން އުޅެގެން ދިޔައީ "ޗޮކުން" ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ، ރައީސް ނަޝީދަށް ނުވިހެން، ޕީޕީއެމަކީ ރައީސް މައޫމޫނު ނޫނީ ރައީސް ޔާމީނެއް ވެސް ނޫން. ރައީސް ޔާމީން އެ ހުންނެވީ ރައީސް ޔާމީންގެ ޕާޓީ ހިންގަވަން،" އައްދު ވިދާޅުވި އެވެ. "އާ ޖެނެރޭޝަނެއް ލީޑްކުރައްވަން ނައިބް ރައީސް ޝިޔާމުމެން ޣައްސާނުމެން ފަދަ ބޭފުޅުން ތިއްބަވަންވީ ޕާޓީ ހިންގަވަން. ޕީއެންސީ ބޭފުޅުން ތިއްބަވަންވީ އެ ތިއްބަވާ ކޯލިޝަނެއް ހިންގަވަން."
އޭނަ ވިދާޅުވީ "ދިވެހީންގެ ރާއްޖެ" އާއި ޕީޕީއެމް ހިސޯރުކުރީ އެޕާޓީގެ މެންބަރުންނަށް މަޖިލީސް ތަމްސީލުކުރުމުގެ ފުރުސަތު ނުދިން ހިސާބުން ކަމަށެވެ. އަދި އޭރު ވެސް އެ ޕާޓީގެ ނައިބް ރައީސްގެ މަގާމުގައި ތިއްބެވި ބޭފުޅުން އުޅުއްވީ ލިބެން އޮތް ވަޒީރުކަން ގެއްލިދާނެތީ ބިރުން ކަމަށް އޭނާ ވިދާޅުވި ވި އެވެ.
އެހެންނޫން ނަމަ މިއަދު މަޖިލީހުގެ މެޖޯރިޓީގައި އޮންނާނީ ޕީޕީއެމްއަށް އައްދު ވިދާޅުވި އެވެ.