Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

އާދާރުގެ ކައިވެނި ފެބްރުއަރީގައި

އާދާރާއި އަލޭކާގެ އެންގޭޖްމަންޓް ހަފުލާގެ ތެރެއިން ކަރީނާއާ އެކު.

މިދިޔަ ހަފުތާގައި ރަސްމީކޮށް އެންގޭޖްވި ބޮލީވުޑްގެ އެކްޓަރު އާދާރު ޖެއިން އާއި ބައިވެރިޔާ އަލޭކާ އަދުވާނީގެ ކައިވެނި ކުރާނީ އަންނަ އަހަރުގެ ފެބްއަރީ މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވާނެ ކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ 20 ނުވަތަ 21 ގަ އެވެ. ނަމަވެސް ކައިވެނީގެ ތާރީހު އަދާރުގެ ފަރާތުން ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

އޭނަ އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާގެ ކަޕޫރްގެ ކަޒިންއެކެވެ.

މިދިޔަ ހަފުތާގައި އާދާރު އާއި އަލޭކާގެ އެންގޭޖްމަންޓް ހަފުލާ ރަސްމީކޮށް ބޭއްވި އިރު، މިދިޔަ ސެޕްޓެމްބަރު އެ މީހުން ރާއްޖެ އަށް ކުރި ދަތުރުގެ ތެރޭގައި އަލޭކާ އަށް އާދާރު ޕްރޮޕޯސްކޮށްފައިވެ އެވެ.

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އާއިލާ ކަމަށްވާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ އާދާރު ކުރިން ރައްޓެހިވެގެން އުޅުނީ ބަތަލާ ތާރާ ސުތާރިއާއާ އެވެ. އަދި އެ ދެ މީހުން ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށް ރުޅިވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އާދާރު ކައިވެނި ކުރަން އުޅޭ އަލޭކާ އަކީ ތާރާގެ ވަރަށް ރައްޓެއްސެކެވެ. އޭނަ އާދަރާ ރައްޓެހިވުމުން، އެކުވެރިޔާ އަށް "ދޯކާދީފައި" ލޯބިވެރިޔާ ޖަހައިގަތީ ކަމަށް ބުނެ ބައެއް މީހުން އަލޭކާ އަށް ސޯޝަލް މީޑިއާގައި ފާޑު ވެސް ކިޔާފައިވެ އެވެ. އޭނަ އަކީ ވެލްނެސް ކުންފުންޏެއް ކަމަށްވާ "ވޭ ވެލް" ގެ ބާނީ އެވެ.

އާދާރަކީ ބޮލީވުޑަށް ނުކުތް ނަމަވެސް އާއިލާގެ އެހެން މީހުންނާ އެއްގޮތަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދުނު އެކްޓަރެއް ނޫނެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2017 ގެ "ގައިދީ ބޭންޑް" އެވެ. އޭގެ ފަހުން ކުޅުނު ފިލްމަކީ 2021 ގެ "ހެލޯ ޗާލީ" އެވެ.