މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އައްޑޫ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މުބާރާތުގައި އެ ޓީމު ކުޅުނު ތިން ވަނަ މެޗް ކ. ހުރާއާ ދެކޮޅަަށް ނުކުމެ ކާމިޔާބުކުރީ 1-0 އިންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު އައްޑޫން ކާމިޔާބުކުރުމާ އެކީ އެ ވަނީ ގްރޫޕް ސީގެ އެއްވަނައަށް ޖެހިލައިފައެވެ. އެގޮތުން އައްޑު އަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕުގެ ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ކ. ގުރައިދު އެވެ. އަދި ތިންވަނައިގައި އޮތް ހުރާ އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ޅ. ކުރެންދު އަށް ވަނީ ޕޮއިންޓެއް ލިބިފައެވެ.
ރޭގެ މެޗުގެ ހަމައެކަނި ލަނޑު އައްޑޫން ޖެހި އިރު، އެ ޓީމް ގޯލް ކާމިޔާބުކޮށް ދިނީ މެޗުގެ 34 ވަނަ މިނެޓުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އެ ލަނޑު އޭނަ ޖެހީ ހާޒިމް ފައުޒީ އޭރިއާ ތެރެއަށް ހުރަސްކޮށް ދިން ބޯޅައަކުންނެވެ.
މި އަހަރުގެ ގޯލްޑް ކަޕްގައި 17 ޓީމެއް ވާދަކުރެ އެވެ. މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލަކާއި ދ. ކުޑަހުވަދު އާއި، ގދ. ފަރެސްމާތޮޑާ އާއި ދ. މީދު އަދި ހއ. ދިއްދު އެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ އާއި ތ. ތިމަރަފުއްޓާއި، ބ. އޭދަފުއްޓާއި ބ. ތުޅާދު އެވެ. ގުރޫޕް ސީގައި އައްޑު އާއި ކުރެންދު އާއި ކ. ހުރާ އަދި ކ. ގުރައިދު އެވެ. އަދި ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދު އެވެ.
މިދިޔަ މަހުގެ 20 ގައި ފެށި މުބާރާތް މި މަހުގެ 25 އާ ހަމައަށް ކުރިއަށް ދާނެ އެވެ.