ޒީޓީވީގެ މަގުބޫލު ސިލްސިލާ "ކުންދަލީ ބަގިއާ" އިން މަޝްހޫރުވި ބަތަލާ ޝްރަދާ އަރިއާ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 29 ގައި ވިހެއި ބަތަކާ އަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މިއީ ޝްރަދާގެ އަލަތު ދެ ކުދިންނެވެ. އެއްމާބަނޑު ދެ ކުދިން ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ވެސް ޝްރަދާ ހިއްސާކުރުމުން ވަރަށް ގިނަ ފޭނުން މިހާރު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
އުމުރުން މިހާރު 37 އަހަރުގެ ޝްރަދާ ކައިވެނިކުރީ 2021 ގަ އެވެ. އޭނަގެ ފިރިމީހާ ރާހުލް ނަގަލް އަކީ އިންޑިއާގެ ނޭވީ އޮފިސަރެކެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްރަދާ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ވެސް އޭނަގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ.
ޝްރަދާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޑްރީީމް ގާލް"، "ތުމާރީ ޕާކީ" އަދި "މޭ ލަކްޝްމީ ތޭރޭ އާގަންކީ" ހިމެނެ އެވެ.
މި ފަހުން އެއްމާބަނޑު ދެ ކުދިން ލިބުނު އިންޑިއާގެ ސެލެބްރިޓިންގެ ތެރޭގައި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ރުބީނާ ދިލައިކް އާއި ފިރިމީހާ އަބިނާވް ޝުކްލާ ހިމެނެ އެވެ.