ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވޮންގް ލީޒިން ވަދާޢީ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް، އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ރައީސް މުޢިއްޒާއި، މި ސަރުކާރުން، އެކަމަނާގެ ސަފީރުކަމުގައި ދެއްވަމުން ގެންދެވި އެއްބާރުލެއްވުމާއި އިރުޝާދު ފާހަގަކުރައްވައި، ސަފީރު ވޮންގ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ. ސަފީރު ވޮންގ ވަނީ، މިސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، އިޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތަޢުރީފު ކުރައްވާފަ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާކޮށްފައިވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ހިއްސާކުރާ މަސްލަޙަތުތަކުގެ ތަރަހައިގެ މަތީގައިކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މި ބައްދަލުމުގައި، ރައީސް އާއި ސަފީރު ވަނީ، ޗައިނާއިން އިސްނަގައިގެން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފަ އެވެ.