Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުން ގާތަށް

އައްޑޫ ސިޓީ ކައުންސިލުން އަންނަ އަހަރަށް އެކުލަވާލި ބަޖެޓާއި ތަރައްގީގެ މަޝްރޫއު ތަކާއި ގުޅޭ ގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ނިންމައި އަންނަ ހަފްތާގައި ބައްދަލުވުން ކުރިއަށް ގެންދިއުމަށް އިއްލާން ކޮށްފިއެވެ.

ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 29 ވަނަ ދުވަހުގެ ރެއަށް ހަމަޖައްސާފައިވާ އިރު ތިން ރަށުގެ ރައްޔިތުން ޖަމާވާން ޖެހެނީ މަރަދޫ އިރުޝާދިއްޔާ ސްކޫލަށެވެ.

އަދި މިބައްދަލުވުމާއި ގުޅޭ ގޮތުން ތިން ރަށުގެ ރަށު އޮފީހުން މިހާރު ވަނީ އާއްމު އިއްލާނެއް ކޮށްފައެވެ.

ކައުންސިލުން ބުނީ އެ ބައްދަލުވުމަށް ތިން އަވަށުގެ ވީހާ ވެސް ގިނަ ރައްޔިތުން ހާޒިރުވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ވެސް މިފަދަ ބައްދަލުވުން ތަކަށް ރައްޔިތުންނަށް ގޮވާލާފައިވާ އިރު އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.