Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޖަލު އޮފިސަރުން ތަމްރީނުކުރަން ތައިލެންޑާއެކު މަޝްވަރާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައިލެންޑްގައި ތަމްރީނު ހޯދުމާ ބެހޭ ގޮތުން އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްއާ އެކު މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ދަތުރުފުޅުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު، ތައިލެންޑުގެ ޖަސްޓިސް މިނިސްޓަރު އަދި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި އެމްސީއެސްގެ އޮފިސަރުން ތައިލެންޑްގައި ތަމްރީނު ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރަށް ދެ މުއައްސަސާގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައިވެ އެވެ.

މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ޓީމް ވަނީ ޗިއަންމައި ސެންޓްރަލް ޕްރިޒަން އާއި ބެންކޮކްގެ އެކި ކަރެކްޝަނަލް ފެސިޓީތަކަށް ޒިޔާރަތްކޮށް، ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެހެނިހެން ފަންނުވެރިކަމުގެ މަސައްކަތާއި ސިއްޙީކަންކަން ފޯރުކޮށްދޭ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދާފަ އެވެ.