Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މޫޑީސް އިން ފާހަގަކުރި ކަންކަން ރަނގަޅު ކުރަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކުރަން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މޫޑީސްއިން ރާއްޖޭގެ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިން ދެމެހެއްޓުމަށް ނިންމާފަ އެވެ.

މޫޑީސްއިން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓީ ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެސް ބޮޑު އަދަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭއިރު އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅިގެން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ފާހަގަކޮށްފައިވާ ހިރާސްތައް ގަބޫލުކޮށް، އެ ކަންކަން ރަނގަޅުކުރަން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން އިގްތިސާދު ފުޅާވެ، މާލީ ހާލަތު ރަނގަޅުވަނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދެމެހެއްޓިއިރު، ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިންގްސް އިން ދާދިފަހުން ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ފިޗް ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.