Last Updated: July 19, 11:46
Saturday, July 19, 2025
ކުޅިވަރު

ރަފީނިއާގެ ދެ ގޯލުން ބާސާ އަށް ބޮޑު މޮޅެއް

ސްޕެނިޝް ލީގުގައި ރޭ މަޔޯކާގެ މައްޗަށް 5-1 އިން ބާސެލޯނާ އިން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 16 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 14 މެޗުން 33 ޕޮއިންޓު ހޯދައިގެން އޮތީ ރެއާލް މެޑްރިޑް އެވެ. ލީގުގައި މިރޭ ރެއާލުން ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ނިކުންނާނެ އެވެ.

މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވެދާޓް މުރީގީ ވަނީ މަޔޯކާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ބާސާ އަށް އަލުން ލީޑު ނަގައިދިނީ މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރަފީނިއާ އެވެ. މެޗުގެ 74 ވަނަ މިނެޓްގައި ބާސާގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރަފީނިއާ ކަމަށްވާއިރު، އޭގެ ފަސް މިނެޓް ފަހުން ދެވަނަ ހާފްގައި ކުޅެން އެރި ފްރެންކީ ޑި ޔޮންގް ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބާސާގެ ފަހު ގޯލު 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައު ވިކްޓާ އެވެ.

މިއީ ތިން މެޗަށް ފަހު ލީގުގައި ބާސާ އިން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި ބާސާ އިން ދެން ބައްދަލުކުރާނީ ރެއާލް ބެޓިސްއާ އެވެ.