ޗައިނާ ސަރުކާރުން ކ. ގުރައިދޫ ކައުންސިލަށް ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.
މިއީ ޗައިނާ ސަފީރުގެ ޚާއްޞަ އިސްނެންގެވުމަކަށް އެ ރަށަށް ހަދިޔާކުރެއްވި މަގުބައްތިތަކެކެވެ. ހަދިޔާކުރީ 100 ބައްތި އެވެ.
އެ ތަކެތި ހަވާލު ކުރަން އިއްޔެ، ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މަގު ބައްތިތައް ހަވާލުކޮށް ދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގް ލިޒިން އެވެ.
ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި މަގު ބައްތިތަކަކީ، ޗައިނާ ސަފީރު .ގުރައިދު އަށް ކުރި ޒިޔާރަތެއްގެ ތެރެއިން ހަމަޖެހިގެން ދިޔަ މަގުބައްތިތަކެކެވެ. ބައްތިތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލިޒިން ވިދާޅުވީ، ޗައިނާ އާއި ރާއްޖެ ދެމެދު އޮތީ ޒަމާންވީ ގުޅުމެއް ކަމަށާއި އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހީންނަށް ބޭނުންވާ ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.