Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

އާލިއާ ވެސް ސުޕަނެޗްރަލް ތުރިލާއެއް ކުޅެނީ

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ވެސް ސުޕަނެޗްރަލް ތުރިލާއަކަށް ފެހި ސިގްނަން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ފަހުން ފުލުފުލުގައި ކާމިޔާބ ހޮރޯ-ކޮމެޑީތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް "ޗަމުންދާ" ގެ ނަމުގައި ހަދަން ނިންމާފައިވާ ސައިކޮލޮޖިކަލް ސުޕަނެޗްރަލް ތުރިލާއެއް ކަމަށެވެ.

ނަމަވެސް އާލިއާ މެޑޮކްގެ ފިލްމަކަށް އެއްބަސްވިކަން އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ.

އެހެންވެއްޖެ ނަމަ "ޗަމުންދާ" ވާނީ އެ ސްޓޫޑިއޯ އޭނަ ސޮއިކުރާ ފުރަތަމަ ފިލްމަށެވެ. އަދި މި ފިލްމު ވާނީ އާލިއާގެ ފުރަތަމަ ސުޕަނެޗްރަލް ފިލްމަށެވެ.

މީގެ ކުރިން އާލިއާ އަށް މެޑޮކްސް އިން ހުށަހެޅި ފިލްމަކީ ދިނޭޝް މިހާތަނަށް ޑައިރެކްޓްކުރި ހަމައެކަނި ފިލްމު ކަމަށްވާ 2017 ގެ "ރާބްތާ" އެވެ. ދެހާސް ވިހީގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތު ބަތަލުގެ ރޯލު ކުޅުނު އެ ފިލްމަށް އާލިއާ އެއްބަސްނުވުމުން އެ ކުޅުނީ ކްރިތި ސެނަން އެވެ.

ޕިންކްވިލާ އިން ބުނީ މެޑޮކްސް އިން ޕްލޭން ކުރަނީ "ޗަމުންދާ" ގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށަން ކަމަށާއި ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް އަންނަ އަހަރުގެ ކުރީކޮޅު ނިންމާނެ ކަމަށެވެ. ނަމަވެސް މި ޑައިރެކްޓްކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

މި އަަހަރުގެ މިހާތަނަށް ބޮލީވުޑް އައި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ މެޑޮކްސް ދެ ހޮރޯ-ކޮމެޑީ ކަމަށްވާ "މުންޖިއާ" އާއި "އިސްތިރީ 2" އެވެ. ދެހާސް އަށާރައިގެ "އިސްތިރީ" ގެ ދެވަނަ ބައި "އިސްތިރީ 2" އަކީ މި އަހަރުގެ އެންމެ ބޮޑު ހިޓެވެ.

އާލިއާ މެޑޮކް ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވި އިރު، އޭނަ މިހާރު އަންނަނީ ޔާޝްރާޖް ފިލްމްސް ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ. އާލިއާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ވެސް ހިމެނެ އެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި "ޖިގްރާ" އެވެ.