ކުރިން މިދިޔަ މަހު ރިލީޒްކުރާ ގޮތަށް އިއުލާންކުރި އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2" އަށް އަނެއްކާ ވެސް އާ ތާރީހެއް ހަމަޖައްސައިފި އެވެ.
ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި މިހާތު އޮތް ފިލްމު ކުރިން މި މަހުގެ 15 ގައި ރިލީޒްކުރަން ނިންމުމަށް ފަހު، ފަހުން އަންނަ އަހަރުގެ ފެބްރުއަރީ 21 އަށް ފިލްމު ފަސްކުރިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ނަމަވެސް "ރެއިޑް 2" ގެ ޓީމުން އިއްޔެ ބުނީ މިހާރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ އަންނަ އަހަރުގެ މެއި 1 ގައި ކަމަށެވެ.
މި ފިލްމަކީ ޑައިރެކްޓްކުރާ ރާޖްކުމާރު ގުޕްތާ އަޖޭއާ އެކީ 2018 ގައި ގެނެސްދިން "ރެއިޑް" ގެ ދެވަނަ ބައެވެ. މިއީ ޓެކްހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް ޑިޕާޓްމަންޓްގެ އޮފިސަރަކާއި އޭނަގެ ޓީމް ކުރާ މަސައްކަތް ދައްކުވައި ދިން ކްރައިމް ތުރިލާއެކެވެ.
މި ވާހަކަ އިތުރަށް ދަންމާލައި އަންނަ އަހަރު "ރެއިޑް 2" ގެނެސްދޭ އިރު، ފިލްމުގެ މި ފަހަރުގެ ބަތަލާ އަކީ އަޖޭއާ އެކީ މުޅިން އަލަށް މަސައްކަތްކުރި ވާނީ ކަޕޫރެވެ. ކުރީގެ ފިލްމުގެ ބަތަލާ އަކީ އިލިއާނާ ޑި ކްރޫޒެވެ.
"ރެއިޑް 2" ގެ ކާސްޓްގައި ރިތޭޝް ދޭޝްމުކާއި ރަޖަތު ކަޕޫރްގެ އިތުރުން ސޯރަބް ޝުކްވާ ވެސް ހިމެނެ އެވެ.
އަޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު "ސިންގަމް އެގެއިން" އެވެ. އަންނަ އަހަރު ރިލީޒްވާނެ އަޖޭގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 17 އަށް ތާވަލުކޮށްފައިވާ އެކްޝަން އެޑްވެންޗާ "އާޒާދު" އެވެ. އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބަތަލާ ރަވީނާގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.