Last Updated: May 12, 18:57
Monday, May 12, 2025
ޚަބަރު

ހދ. އަތޮޅު ކައުންސިލުން ކުރީ ފައިދާއެއް ނެތް ދަތުރެއް!

ތަޖުރިބާ އާއި ތަމްރީނު ދަތުރަކަށް ކަމަށް ބުނެ ހދ. އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ދަތުރަކުން އެއްވެސް ފައިދާއެއްކޮށްފައި ނުވުމާއި އުސޫލާ ހިލާފަށް ދަތުރާ ގުޅޭ ކަންކަންކޮށްފައިވާތީ އެ ކައުންސިލަށް ފިޔަވަޅު އޮޑިޓް ރިޕޯޓްގައި ލަފާ ދީފި އެވެ.

އޮޑިޓް އޮފީހުން ނެރުނު ހދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނީ އެ ކައުންސިލަށް މިދިޔަ އަހަރު ލިބުނު އާމްދަނީއާއި ބްލޮކް ގްރާންޓުންގެ ތެރެއިން ބޮޑު އަދަދެއް ހޭދަކުރީ އެ ދަތުރަށް ކަމަށެވެ. އެގޮތުން އެގޮތުން މިދިޔަ އަހަރުގެ އެ ދަތުރުގައި 20 މީހުން ބައިވެރިވި ކަމަށާއި އެ އެންމެންގެ ހަރަދުތަކަށް ޖުމްލަ 952،885ރ. ރުފިޔާ ހަރަދުކުރި ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް އެ ދަތުރުން ހޯދި ތަޖުރިބާ އާއި ތަމްރީންގެ ދަށުން އަހަރެއްވި އިރު ވެސް ހދ. އަތޮޅުގައި އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ. އަދި ބަޖެޓުން ބޮޑު ހަރަދެއް އެ ދަތުރަށް ކުރިއިރު ކައުންސިލުން ބަޖެޓު ހެދި އިރު ދަތުރު ބަޖެޓުކޮށްފައި ނުވާ އިރު އެ ދަތުރުކުރުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ވެސް ނުނަގާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ދަތުރަށް ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށްވާތީ އެ ހަރަދުތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލަފާ ދީފައިވެ އެވެ. އަދި އެފަދަ ހަރަދުތައް ކައުންސިލްތަކުން ކުރުމުގެ ބަދަލުގައި ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށްގެން ސްޕޮންސާ އާއި އެހީ ލިބޭނެ ގޮތަށް މަސައްކަތް ކުރުމަށް ވެސް އޮޑިޓް ރިޕޯޓްގައި ލަފާ ދީފައިވެ އެވެ.

މީގެ ކުރިން ވެސް އެހެން ބައެއް ކައިުންސިލްތަކުން ވެސް އުސޫލުތަކާ ހިލާފަށް ބޮޑެތި ހަރަދުތައްކޮށްގެން ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައިވާ މައްސަލަތައް ފެންމަތިވެފައިވެ އެވެ.