އެހެންވެ ސަރުކާރުތަކާ އަޅާކިޔާ އިރު މި ސަރުކާތުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ރިކޯޑް އަދަދަކަށް ވަޒީފާގެ މާހައުލަށް ޒުވާނުން ނެރެފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިޖިތިމާއި ކޮމެޓީގައި ކެރިއާ ގައިޑެންސް ޕްރޮގްރާމްގެ ތެރެއިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ދެއްވަމުން އޭނަ ވިދާޅުވީ ފާއިތުވި އެއް އަހަރު މިނިސްޓްރީން ކުރި އެންމެ މުހިއްމު އެއް މަސައްކަތަކޫ ވެސް ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުން ކަމަށެވެ.
އެގޮތުން ގިނަ އަދަދަކަށް ކެރިއަ ގައިޑެންސް ޕްރޮގުރާމްތައް ވެސް ހިންގަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) ގެ ތެރެއިން 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވެ ހިންގާފައިވާ ކަމަށާއި އޭގެ ތެރެއިން 200 އަށްވުރެ ގިނަ ކުދިން މިހާޜު ތިބީ ވަޒީފާގައި ކަމަށެވެ.
އަސްވާޑް ވިދާޅުވީ މިޕްރޮގްރާމް ހިންގުމަށް ސަރުކާރަށް ބަރޯސާނުވާ ކަމަށާއި އެކި ކުންފުނިތަކާ ގުޅިގެން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި ނެޕްގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުން ހިމެނެވޭ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭ ގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިން ސްޓެންޑާޑްތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލު ކުރެވިފައިވޭތޯ ބަލައި، ކަށަވަރު ކުރުމަށް ފަހު، ތަމްރީން ފުރިހަމަކުރިކަމުގެ ޤައުމީ ސަނަދު ދޫކުރުން ވެސް ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ހަމައެހެންމެ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކު ރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް ހިމެނެ އެވެ.
ނެޕްގެ ދަށުން ތަމްރީނުތައް ކުރިޔަށް ގެންދަނީ މައިގަނޑު ހަ ދާއިރާއަކަށް ހާއްސަކޮށްގެންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެ އެވެ.