ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެޔޮޅުންނާ މިއަދު ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް ސާފުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކޮށްފައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކާފައިވެ އެވެ.
އެގޮތުން މަހުގެ އަގު ދަށްކަމާއި، ފައިސާ އާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެ ކެޔޮޅުން ހިއްސާކުރި އެވެ. މީގެ އިތުރުން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެން ދިއުމަށް ކެޔޮޅުން އެދިފައިވެ އެވެ.
ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ވެސް ކެޔޮޅުން ހިއްސާކުރި އެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ބައްދަލުވުމުގައި ފުޅާކޮށް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކެޔޮޅުން ފާހަގަކުރި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަން ކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި މަސްވެރިންނާ ގިނަގިނައިން ބައްދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.