Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ފަހަދުގެ ބޮލީވުޑް ފިލްމުގެ ބަތަލާއަކަށް ޓްރިޕްތީ

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމަކުން އިންޑިއާގެ ދެކުނުގެ އެކްޓަރު ފަހަދު ފާސިލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެފައިވީ ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އިމްތިއާޒް މިހާތަނަށް ރަސްމީކޮށް ދީފައެއް ނުވެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މިއީ އަސަރު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ.

އިމްތިއާޒަކީ ކުރިން ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ.

"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އާއި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ދިލްޖީތު ދޮސަންޖާއި ޕަރިނީތީ ޗޯޕްޅާއާ އެކީ ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަހަދު، 42، މިހާތަނަށް ވަރަށް ގިނަ މަލަޔާޅަމް ފިލްމުތައް ކުޅެފައިވެ އެވެ. މީގެ އިތުރުން އޭނަ އަކީ ތެލެގޫ އަދި ތަމަޅަ ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ. މަޝްހޫރު ތެލެގޫ ފިލްމު "ޕުޝްޕާ" ގައި ވެސް ހިމެނޭ ފަހަދު، މާދަމާ ރިލީޒްކުރާ އޭގެ ދެވަނަ ބައިގައި ވެސް އޭނަ ހިމެނެ އެވެ.

ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ޓްރިޕްތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު "ބޫލް ބުލައްޔާ 3" އެވެ.