ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު ކެޔޮޅުންނާ މިއަދު ބައްދަލުކުރެއްވުމާ ގުޅިގެން ޝިޔާމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަން އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ޔަގީންވާ ކަމަށެވެ.
މަސްވެރި ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ރައީސް ދެއްވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
"މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަންތައް،" ޝިޔާމް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސާއި ޙިއްޞާކުރައްވާފަ އެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރެއްވި އެވެ. އެގޮތުން މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ހިއްސާކޮށްފައިވެ އެވެ.
މީގެ އިތުރުން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެޔޮޅުން ވަނީ އެދިފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.