Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުން މަޖުބޫރު

އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައިވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ޒަމާނަށް ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު، ކަމުގެ ޢިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށާއި، 21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އަދުގެ ކޮންމެ މީހަކަށް ވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ޤައުމެއްގެ އިޖުތިމާޢީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަށް ކަމުގައި ސިފަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ، ނަތީޖާއެއްގެ ގޮތުން، އިޖުތިމާޢީ އެއްބައިވަންތަކަމާއި ޢިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މައުލޫމާތު ފެތުރިގެންދާ ކަމަށެވެ. އަދި މިފަދަ ތޫނު ޚަންޖަރުތަކުން ދެވޭ ޒަޚަމްތަކަކީ ޤައުމު ބައިބައިވެ، ޤައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ޤައުމީ މަސްލަހަތާ މެދު އޮންނަ އިތުބާރު ފުނޑުފުނޑުވެ، ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށާއި، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަޠަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ޙަޤީޤީ މާނައިގައި އަދާކޮށްގެން ކަމަށްވާއިރު، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކުގައި ޢަމަލާއި ބަހުން ޝާމިލްވެ، ޤައުމީތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ގޮވާލެއްވި އެވެ.

އަދުގެ ސަރުކާރުން ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން އާންމު މަސްލަހަތުތައް ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންދާ ހަލުވި ތަރައްޤީއާއި، މަސްނޫއީ ވިސްނުން ފުޅާވާމުން އަންނަ އައުމާއެކު ސައިބާ ސަލާމަތީ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީއާއެކު ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ހައިބްރިޑް ހަނގުރާމައިން ދަފަރާވާން ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، ސައިބާ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅާއެކު ޤައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި، ޤައުމީ މަސްލަހަތުވެރީންނާ، އެކުވެރި ގުޅުންތަކާއެކު އުޚުއްވަތްތެރިކަމުގެ ވިޔުގައެއް ގާއިމުކުރެވެމުންދާ ކަމަށާއި، ދިވެހި އަސްކަރީ ބާރުވެރިކަމާއި، ދިވެހި ރައްޔިތުންނަށް ދެމުންދާ ސަލާމަތީ ޚިދުމަތުގެ ދަންމަރު އެމަނިކުފާނު ގެންދަވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްވަމުން ކަމަށް ވިދާޅުވި އެވެ.