ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުން ވެސް ތަރައްޤީވާންޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަސީރު ވިދާޅުވީ ޤައުމެއްގެ ޙަޔާތް އޮންނާނީ ނުރައްކަލާއި ރައްކަލާ ދެމެދުގައި ކަމަށާއި އެ ދެޙާލަތުގެ ދެމެދުން ސަލާމަތުން ކުރިއަށް ދިޔުމަށްޓަކައި، ފިކުރީ ގޮތުން ދިވެހިންނަށް އަންނަން ޖެހޭ ތަރައްޤީއާއި، ޒަމާނަށް ލޯ ހުޅުވިފައި ހުންނަން ޖެހޭ ހުރުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
އެގޮތުން ފިކުރީ ގޮތުން ދިވެހީންނަށް އަންނަންޖެހޭ ތަރައްޤީ އައުމާއެކު ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުން ވެސް ތަރައްޤީވާންޖެހޭ ކަމަށް ނަސީރު ވިދާޅުވި އެވެ.
ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި ދިވެހީން، އެއްވެސް ބޭރުގެ ބަޔަކާ ނުގުޅި މަލާބާރީންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތަކީ ޤައުމުދެކެ ލޯބިވާ މިންވަރު ދައްކުވައިދޭކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ދިވެހީންގެ މިނިވަންކަން އަނބުރާ ލިބުނީ ދިވެހީން އެއްބައިވަންތަ ވިސްނުމުގައި، ސިއްރުން ރޭވިގެން ދެވުނު ކުއްލި ޙަމަލާއަކުން ކަމަށާއި، އެޙާލަތުގައި ދިވެހީން އިސްކުރި ޤައުމީ މަޞްލަޙަތު، ޤައުމުގެ ސަލާމަތަށް ބެހެއްޓި ފަރުވާތެރިކަމާއި އަމާނާތްތެރިކަމަކީ މިފަދަ ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.