Last Updated: July 19, 11:46
Saturday, July 19, 2025
ކުޅިވަރު

ލިވަޕޫލް އެއްވަރު، އާސެނަލުން ޔުނައިޓެޑް ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، އާސެނަލުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 14 މެޗުން 35 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޗެލްސީ އަދި ތިންވަނައިގައި އޮތް އާސެނަލަށް 14 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ޗެލްސީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަތަރުވަނައިގައި 26 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 35 ވަނަ މިނެޓްގައި އެލެގްޒެންޑާ އިސާކް ވަނީ ނިއުކާސަލަށް ލީޑު ނަގައިދީފަ އެވެ. މިއީ ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ސަލާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާޓިސް ޖޯންސް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، މެޗުގެ 62 ވަނަ މިނެޓްގައި އެންތޮނީ ގޯޑަން ވަނީ ނިއުކާސަލަށް އަލުން ލީޑު ނަގައިދީފަ އެވެ.

މި ގޯލާއެކު ލިވަޕޫލުން ވަނީ އެލެގްޒެންޑާ އާނޯލްޑް އާއި ލުއިޒް ޑިއާޒް އާއި ޑޮމިނިކް ސޮބޮސްލާއި ފަދަ ކުޅުންތެރިން ކުޅެން އަރުވާފަ އެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓްގައި އާނޯލްޑް ދިން ޕާހަކުން މުހައްމަދު ސަލާ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 83 ވަނަ މިނެޓްގައި ސަލާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ.

މި ގޯލާއެކު ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓްގައި ފަބިއަން ޝާ ވަނީ ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީ ޕޮއިންޓެއް އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނިކުތީ ގިނަ ބަދަލުތަަކާއެކު އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން ޑިފެންސިވް ރަނގަޅު ކުޅުމެއް ދެއްކިއިރު އާސެނަލަށް ފުރުސަތުތައް ތަނަވަސްކުރަން މި ހާފުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ.

ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ޖޫރިއަން ޓިމްބާ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ ކޯނަރަކުން ޑެކްލަން ރައިސް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 73 ވަނަ މިނެޓްގައި ވިލިއަމް ސަލީބާ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މިއީ ވެސް ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. މި ދެ ގޯލަށްފަހު ވެސް މި ހާފުގައި އާސެނަލުން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ ރަށުން ބޭރުގައި 5-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، އެވަޓަން އިން ވުލްވްސްގެ މައްޗަށް 4-0 އިން ވަނީ ކުރި ހޯދާފަ އެވެ. އަދި އެސްޓަންވިލާ އިން ވަނީ ބްރެންޓްފޯޑް 3-1 އިން ބަލިކޮށްފަ އެވެ.