Last Updated: July 19, 11:46
Saturday, July 19, 2025
ކުޅިވަރު

އެމްބާޕޭ އަށް ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި

ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކް ބިލްބާއޯ އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.

މި މެޗުން ބަލިވިމުން ލީގުގެ ދެވަނައިގައި ރެއާލް މިހާރު އޮތީ 15 މެޗުން ލިބުނު 33 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި 16 މެޗުން 37 ޕޮއިންޓު ހޯދައިގެން އޮތީ ބާސެލޯނާ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 53 ވަނަ މިނެޓްގައި އެލެހެންޑްރޯ ރެމީރޯ ވަނީ ބިލްބާއޯ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެޓީމުގެ ކީޕަރު ތިބޯ ކޯޓުއާ އަށް ރަނގަޅަށް މަތަ ނުކުރެވުމުން ލިބުނު ފުރުސަތެއްގައި ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 68 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ މަތަކުރީ ބިލްބާއޯގެ ކީޕަރެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ނަމަވެސް އޭގެ ދެ މިނެޓް ފަހުން ބިލްބާއޯގެ ގޯކާ ގުރުޒެޓާ އެޓީމު މޮޅުކޮށްދިން ގޯލު ވަނީ ކާމިޔާބުކޮށްދީފަ އެވެ. މިއީ ރެއާލްގެ މިޑްފީލްޑަރު ވަލްވާޑޭ އަތުން ބޯޅަ ހޯދައިގެން ރެއާލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ރަށުން ބޭރުގައި ޖިރޯނާއާ ދެކޮޅަށެވެ.