އެކްޓިން ދޫކޮށްލަން ނުނިންމާ ކަމަށާއި ބޭނުންވީ ބްރޭކެއް ނަގަން ކަމަށް ބޮލީވުޑްގެ އެކްޓަރު ވިކްރާންތު މަސީ ބުނެފި އެވެ.
އޭނަ ދެން ސްކްރީނުން ފެންނާނީ ފަހު ފަހަރަށް އަންނަ އަހަރު ކަމަށް ބުނެ މި ހަފުތާގެ ކުރީކޮޅު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން އެކްޓިން ރިޓަޔާކުރީ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުން 37 އަހަރުގެ އެކްޓަރު ބުނީ އެއްގޮތަކަށް ވެސް ރިޓަޔާކުރަން ނުނިންމާ ކަމަށެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓުވެލްތު ފެއިލް" ގެ ބަތަލު އޭނަގެ ޕޯސްޓްގެ މާނަ ބައެއް މީޑިއާތަކަށް ސާފުކޮށް ދެމުން ބުނީ އޭގައި ބުނަން ބޭނުންވީ ދިގު ބްރޭކެއް ނަގަން ބޭނުންވި ވާހަކަ ކަމަށެވެ.
"އެއްގޮތަކަށް ވެސް އެކްޓިން ދޫކޮށްލަން ނިންމީކީ ނޫން،" ހުނަރުވެރި އެކްޓަރު ބުންޏެވެ. "އެ ޕޯސްޓްގެ މާނަ އެހެން ގޮތަކަށް ގިނަ ބަޔަކަށް ނެގުނީ ކަމަށް ބެލެވެނީ."
މިހާރު ބިޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކްރާންތު ބުނީ އޭނަ އަށް ކުރަން އެނގޭހޭ ވެސް މަސައްކަތަކީ އެކްޓްކުރުން ކަމަށެވެ. އެހެންވެ އެ މަސައްކަތް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ބުންޏެވެ.
"އާއިލާ އާއި އަމިއްލަ ސިއްހަތަށް ވަގުތު ބޭނުންވާތީ އަސްލު ދިގު ބްރޭކެއް ނަގަން ބޭނުންވީ،" އޭނަ ބުންޏެވެ. "އެހެންވީމަ އެ ބްރޭކަށް ފަހު އަނެއްކާ ވެސް އަހަރެން އެކްޓިން އަށް އަންނަން ބޭނުންވީމަ މަސައްކަތަށް އެނބުރި އަންނާނަން."
މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ވިކްރާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ދަ ސަބްރަމާތީ ރިޕޯޓް" އެވެ.
ދެހާސް ބާވީހުގައި ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް ހުރި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޔާރު ޖިގްރީ"، "ޓައިމް" އަދި "އާނކޯ ކީ ގުސްތާކިޔާ" ހިމެނެ އެވެ.ވިކްރާންތު އެކްޓިން އަށް ނުކުތީ ޓީވީ ސިލްސިލާއަކުންނެވެ. އެއީ 2007 ގެ އެއީ "ދޫމް މަޗޯއާ ދޫމް" އެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ސިލްސިލާތައް ކުޅެފައިވެ އެވެ. އަދި މި ފަހުން އޭނަ ވަރަށް ކާމިޔާބު ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވެ އެވެ.