Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އޮފީސް ޓެލެޑްރާމާ މުބާރާތަށް ހުޅުވައިފި

ކުރިއަށް އޮތް ރޯދަ މަހު ބާއްވަން ނިންމާފައިވާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ އޮފީސްތަކަށް މި މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގެ ފޯމް އެންސީއޭގެ ވެބްސައިޓް އިން ޑައުންލޯޑްކުރެވޭނެ އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3344667 އިން ހޯދޭނެ އެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކަށެވެ.

އަންނަ އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި 14 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ.

މުބާރާތަށް ހުށަހަޅާފައިވާ ފައިސާގެ އިނާމު:

* އެންމެ މޮޅު ޑްރާމާ: 50،000ރ.
* އެންމެ މޮޅު ބަތަލާ: 15،000ރ.
* އެންމެ މޮޅު ބަތަލު: 15،000ރ.
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: 10،000ރ.
* އެންމެ މޮޅު ސަޕޯޓިން ބަތަލު: 10،000ރ. ރުފިޔާ
* އެންމެ މޮޅު އާ ބަތަލާ: 5000ރ.
* އެންމެ މޮޅު އާ ބަތަލު: 5000ރ.

މި އަހަރު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ ގައުމީ ޔުނިވަސިޓީގެ "މަނާލް" އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އެކްޓަރެއް ކަމަށްވާ މުހައްމަދު ފައިސަލް ޑައިރެކްޓްކުރި އެ ޑްރާމާ އިން ވަނަތައް ކެޓަގަރީތަކުގެ ތެރޭގައި ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ ޢާއިދާ ހައްމާދު އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާ އާއި އެންމެ މޮޅު އާ ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

"މަނާލް" އެވޯޑް ގެންދިޔަ އިތުރު ކެޓަގަރީތަކުގެ ތެރޭގައި ފައިސަލަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި މަހުދީ އަހުމަދަށް ލިބުނު އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި އިބްރާހީމް ވިސާން (ކަނޑި) އަށް ލިބުނު އެންމެ މޮޅު ސިނަމަޓޯގްރަފީ އެވޯޑާއި ޑރ. ރާނާ އަހުމަަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑްގެ އިތުރުން އެންމެ މޮޅު އެޑިޓިން އަދި ބެލުންތެރިންގެ އެންމެ މަގުބޫލު ޑްރާމާގެ އެވޯޑް ހިމެނެ އެވެ.