Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

މެލޭޝިއާ އިން މެރިޓައިމުން ތަމްރީނުވުމުގެ ފުރުސަތު

މޯލްޑިވްސް ސްޓޭޓް ޝިޕިން އެމްއެސްއެސް) ގެ މުވައްޒަފުންނަށް މެލޭޝިއާ އިން ތަމްރީނު ހޯދުމުގެ އެއްބަސްވުމެއްގައި ޝިޕިންގް މެލޭޝިއާގެ މެރިޓައިމް އެކަޑަމީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. މެލޭޝިއާގެ މެރިޓައިމް އެކެޑެމީގެ ފަރާތުން ސޮއިކުރެއްވީ، އެ އެކެޑަމީގެ ސީއީއޯ އެޑީ އަހުމަދު ކޮޑްޒާލީ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެސްއެސްގެ ކަލާސީން ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެއެކެޑަމީގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަމްރީނުތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އެގޮތުން ސިމިއުލޭޝަން ޓެކްނޮލޮޖީ އާއި އެ ފަންނުގެ ތަޖުރިބާކާރުންނާއެކު ތަމްރީންތައް ފުރިހަމަ ކުރުމާއި އެ އެކެޑަމީގެ އުޅަނދުތަކުގައި ތަމްރީންތައް ފުރިހަމަކުރުމަށް ފުރުސަތު ލިބޭނެ އެވެ.

އަދި ކަލާސީން ސްކޮލަޝިޕް ދަރިވަރުންނަށް ނެވިގޭޝަނާއި، އިންޖިނިއަރިން ދާއިރާއިން ކިޔަވައި ތަމްރީން ހޯދުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެމްއެސްއެސް އިން ބުންޏެވެ. ކަލާސީން ސްކޮލަޝިޕަކީ 2021 ގައި ތަޢާރަފުކުރި ސްކޮލަޝިޕެކެވެ.

ކޮންމެ އަހަރަކު ދޭ މި ސްކޮލަޝިޕަކީ ނެވިގޭޝަނާއި އިންޖިނިއަރިން ދާއިރާއިން މީހުން ބިނާކޮށް އެމްއެސްއެސްގެ އުޅަނދުތަކުގައި ހަރަކާތްތެރިވާނެ ދިވެހިން އުފެއްދުމުގެ މަޤްޞަދުގައި ދޭން ފެށި ސްކޮލަޝިޕެކެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ.