ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އިންޑިއާގެ ފުރަތަމަ ސުޕަހީރޯ ސިލްސިލާ "ޝަކްތީމާން" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމު ރަންވީރު ސިންގްގެ ބަދަލުގައި ހަދަން މިހާރު ޕްލޭން ކުރަނީ ރަންބީރް ކަޕޫރާ އެކީ ކަމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ރައިޓްސް ހޯދާފައި އޮތީ ސޮނީ ޕިކްޗާސް އިންޑިއާ އެވެ. އަދި "ޝަކްތީމާން" ގެ ޑައިރެކްޝަން ހަވާލުކޮށްފައި އޮތީ ހުނަރުވެތި މަލަޔާޅަމް ޑައިރެކްޓަރު ބާސިލް ޖޯސެފާ އެވެ.
މީޑިއާތަކުން ބުނީ ރަންވީރާ ނުލައި "ޝަކްތީމާން" ހަދަން ޕްލޭންކުރި ސަބަބުތަކުގެ ތެރޭގައި އޭނަ މި ފަހުން ކުޅުނު ފިލްމުތަކަށް މާ ބޮޑި ތަރުހީބެއް ލިބިފައި ނުވުމާ އެކީ ރަންވީރުގެ މާކެޓް ވެލިއުއާ ދޭތެރޭ މިހާރު ސުވާލުތަކެއް ހުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ސީރީޒްގެ އޮރިޖިނަލް ތަރި މުކޭޝް ކަންނާ ވެސް ރަންވީރް، ޝަކްތީމާންގެ ރޯލު ކުޅެން ބޭނުން ނުވާ ކަމަށް ބުނާތީ ރަންވީރު ނޫން ގޮތެއް ހޯދަން ވިސްނަން ޖެހުނީ އެވެ.
އެހެންވެ މިހާރު ސޮނީ ޕިކްޗާސް އިންޑިއާ އިން ފިލްމުގެ ޓައިޓްލް ރޯލަށް ރަންބީރް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ މެދު ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ރާވަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މިދިޔަ އަހަރު ރިލީޒްކުރި "އެނިމަލް" އަށް ފަހު، ރަންބީރަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އުފުލިފައިވެ އެވެ. އެހެންވެ އޭނަ ހިމަނައިގެން "ޝަކްތީމާން" ހަދައިފި ނަމަ ފިލްމު ވަރަށް ކާމިޔާބު އެއްޗަކަށް ވެދާނެތީ އޭނަ ފިލްމަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު އޭގެ ޓީމުން ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ރަންވީރު މިހާރު މަސައްކަތް ފަށާފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ އިތުރުން ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ "ރާމާޔަން" ހިމެނެ އެވެ.
"ޝަކްތީމާން" ޑީޑީ ނެޝަނަލް ޗެނަލުން 1995-2005 އަށް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 450 އެޕިސޯޑް ގެނެސްދިނެވެ.
މިއަށް ބިނާކޮށް ފިލްމެއް ހަދަން ނިންމިކަން އިއުލާންކުރީ 2020 ގަ އެވެ.