ބަތަލާ އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމު "ޖިގްރާ" މާދަމާ ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމައިފި އެވެ.
އޮކްޓޯބަރު 11 ގައި ރިލިޒްކުރި މި އެކްޝަން ތުރިލާ އަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި އޭނަގެ މެންޓޯ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވަޔަކޮމް 18 ގުޅިގެން ގެނެސްދިން ފިލްމެކެވެ.
ދައްތައަކާއި ފިރިހެން ކޮއްކޮއަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް ގެނެސްދިން "ޖިގްރާ" ގެ ޑައިރެކްޓަރަކީ ވަސަން ބާލާ އެވެ. މި ފިލްމުގައި އާލިއާގެ ކޮއްކޮގެ ރޯލު ކުޅުނީ ވެދާންގެ ރައިނާ އެވެ.
ރިލީޒްކުރުމުގެ ކުރިން މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ އާންމުންގެ ފަރާތުން ވަރަށް ފިނި ތަރުހީބެއް ލިބުނު ފިލްމެކެވެ. އެހެންވެ "ޖިގްރާ" އަކީ މި ފަހުން ރިލީޒްވި އާލިއާގެ އެންމެ ކަމުނުދާ ފިލްމެވެ.
އޭނަ މިހާރު އަންނަނީ އަންނަ އަހަރު ޔާޝްރާޖް ފިލްމްސް ވައިއާއެރްއެފް) އިން ގެނެސްދޭން ހަމަޖެހިފައިވާ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ. އާލިއާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އޭނަ އަށް މިދިޔަ އަހަރު ނެޝަނަލް ލިބުނު ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ހިމެނެ އެވެ.
އެ ފިލްމުގެ ބަތަލުންނަކީ އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައ މެޑޮކް ފިލްމްސް އިން "ޗަމޫދާ" ގެ ނަމުގައި ހަދަން ނިންމާފައިވާ ސައިކޮލޮޖިކަލް ސުޕަނެޗްރަލް ތުރިލާއަކަށް ވެސް އާލިއާ މިހާރު އޮތީ ފެހި ސިގްނަލް ދީފަ އެވެ.