އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ޖޯން އަބްރަހަމާއި ސަންޖީދާ ޝައިހް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް މިއަދު އާންމުކޮށްފި އެވެ.
"ތުމް ކިއާ ހޯ" ކިޔާ މި ލަވަ އަކީ ބޮލީވުޑްގެ ފިލްމުތަކަށް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ އަންކިތު ތިވާރީގެ މިއުޒިކަށް އޭނަ އާއި މިހާރު އިންޑިއާގެ އެންމެ މަގުބޫލު ފިރިހެން އަޑު، އަރިޖިތު ސިންގް އެކީގައި ކިޔާފައިވާ ލަވައެކެވެ. "ތުމް ކިއާ ހޯ" ލަވައިން ޖޯން އާއި ސަންޖީދާ ދެމަފިރިންގެ ގޮތުގައި ފެންނަ އިރު، ލަވައިން އެ މީހުންގެ ދަރިއެއްގެ ގޮތުގައި ކުޑަކުއްޖަކު ވެސް ފެނިގެން ދެ އެވެ.
މި ލަވަ އަކީ ޖޯން އާއި ސަންޖީދާ ކެމިސްޓްރީ އެކީގައި ދައްކައިލި ފުރަތަމަ ވީޑިއޯ ލަވަ އެވެ.
ޓީވީ ސިލްސިލާތަކުން ވިދި ސަންޖީދާ މިހާރު ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ބަތަލާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" އެވެ. ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރުގެ މެއި މަހު ނެޓްފްލިކްސް އަށް ގެނައި ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ލީޑް އެއް ބަތަލާ އަކީ ވެސް ސަންޖީދާ އެވެ.
ސަންޖީދާ އަކީ ޓީވީ އެކްޓަރު އާމިރު އަލީގެ ކުރީގެ އަންހެނުންނެވެ.
ޖޯން އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓްގައި ރިލީޒްކުރި ފިލްމު "ވޭދާ" އިންނެވެ.