ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާ ނުލައި އެއަށް ވުރެ ބާރަށް ކުރިއަށް ގެންދާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުން ފެށި މަޝްރޫޢެއް ކަމަށްވިޔަސް، މި ސަރުކާރުން އެ މަޝްރޫޢަކަށް އިޙްތިރާމު ކުރާނެ ކަމަށާއި، މި ސަރުކާރުން އެ މަޝްރޫޢުތައް ނިންމައިދޭނެ ކަމަށެވެ.
"މަޝްރޫއުތައް ދެން ކުރިއަށް ގެންދާނީވެސް ކުރިއަށް ވުރެ ބާރަށް. މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދައިގެން ރައްޔިތުންގެ ޙައްގުގައި މަޝްރޫއުތައް މިސަރުކާރުން އަވަހަށް ނިންމާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެހަކަތައިގައި ވަރު ނެތްކަމުގައިވާނަމަ ދިވެހި ޤައުމު ނުހިނގާނެ ކަމަށާއި ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ނައިބު ރައީސް ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފަ އެވެ. އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ނައިބު ރައީސް ސޮއިކުރެއްވި އެވެ.