މި ސަރުކާރުން އަންނަނީ ޓާޝަރީ ފެންވަރުގައި ފޭރެމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ތެލުގެ އަގު ދުނިޔޭގައި ހެޔޮވެގެންދާއިރު އެސްޓީއޯ އަށް މިވަގުތު ތެޔޮ ލީޓަރެއް ޖެހޭ އަގަކީ 9 ރުފިޔާ ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން ސްޓެލްކޯ އަށް ލީޓަރެއް ދެނީ އިތުރަށް ދެ ރުފިޔާ ލުމަށްފަހު 11 ރުފިޔާ އަށް ކަމަށާއި ސްޓެލްކޯ އަށް ލީޓަރެއް 9.30 ލާރިއަށް ދިން ނަމަވެސް އެސްޓީއޯ އަށް ފައިދާވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މިއީ ސަރުކާރުގެ ތެރެއިން ނުދައްކާ ހުންނަ ވާހަކަތައް ކަމަށާއި ނަމަވެސް މިފަދަ މައުލޫމާތުތައް ސިއްރުކޮށްގެން ސަރުކާރަށް ނޫޅެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ގަލްފް ހަނގުރާމައިގެ ދުވަސްވަރު އެސްޓީއޯ އިން ސްޓެލްކޯ އަށް ލީޓަރެއް ދީފައި ހުންނާނީ ފައިދާގެ އިންސައްތަ އަށް އެންމެ ލާރިއެއް ލުމަށްފަހު ކަމަށާއި ނަމަވެސް މިހާރު އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ލީޓަރެއް މި ދެނީ އިތުރަށް ދެ ރުފިޔާ ލުމަށްފަހު ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެނގެން ވާނެ މިހާރު މި ފޭރެނީ ކޮން ލެވެލެއްގައިކަން. ހަމަ ޓާޝަރީ ފެންވަރުގައި ފޭރެނީ،" ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރަށް ސަނާކިޔަން ޖެހޭ ވަރުގެ ކަމެއް އަދި ކުރެވިފައި ނެތް ކަމަށާއި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފޮތުން ރައްޔިތުންނާއި ހަމައަށް އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރަށް ސަނާ ކިޔަން ބޭނުންވިޔަސް ސަނާ ކިޔޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.