Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސަރުކާރުން އަޑެއް ނޭހި، ދެން މަޑުން ތިބެވޭކަށް ނެތް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ސަރުކާރަށް އެކި ގޮތްގޮތުން ވިސްނައިދޭން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށާއި، ގާނޫނު އަސާސީއާ ކުޅެމުންދާއިރު ދެން މަޑުން ނުތިބެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ މިއީ ރައްޔިތުން ވޯޓުލައިގެން އިންތިހާބު ކުރި ސަރުކާރަކަށް ވުމުން އެކަމަށް އިހުތިރާމްކޮށް ވަރަށް ގިނަ ދުވަހަށް މަޑުކޮށްފި ކަމަށާއި ނަމަވެސް ގާނޫނު އަސާސީއާ ކުޅެ، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ފެށުމުން ދެން މަޑުކުރެވެން ނެތް ކަމަށެވެ.

މިއަދު މި މަސައްކަތް ނުކޮށްފިނަމަ ދެން ކުރިމަތިލާން ޖެހޭނީ އެތަކެއް އަހަރުގެ އަނިޔާވެރިކަމާއި ކަމަށާއި އެގޮތުން ހޯދާފައިވާ ކާމިޔާބީތައް މަޑުމަޑުން ފުރޮޅާލައި ހުދުމުހުތާރު ވެރިކަމެއް މުޅި ރާއްޖޭގައި ގާއިމުކުރާނެތަން ސިފަކުރެވޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"އެކި ގޮތްގޮތުން އެކިއެކި ފޯރަމްތަކުގައި މަސައްކަތްކޮށްފިން ސަރުކާރަށް ވިސްނައިދެވޭތޯ. އެކަމެއް ނުވި އަޅުގަނޑުމެންނަކަށް. އާރާ ބާރު އޮތުމުން އެ އަޑެއް ނޭއްސެވި. އަދި އާންމު ރައްޔިތުންނަށް ދައްކަވަނީ ރައްޔިތުންގެ އިތުބާރު މި ވެރިކަމެއް އެބައޮތޭ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ އެގޮތަކަށް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ އަކީ މީހުން ވެރިކަމުން ބާލާ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީއަކީ މީހުން ހަމަ މަގަށް އަޅުވާ ބައެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެކަން ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ފައްޔާޒު ވަނީ އަރުވާފަ އެވެ.