Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޒުވާނުން ބޭނުންވާ ކަންކަން ހުއްޓާލައިގެން ނުވާނެ

ޒުވާނުން ބޭނުންވާ ކަންކަން ހިނދުކޮޅަކަށް ވެސް ހުއްޓާލައިގެން ނުވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދު މިހާ ހިސާބަށް އައިއިރު، ޒުވާނުންނަށް ހުރި ގިނަ ވަސީލަތްތަކުގެ ބޭނުން ނުހިފި، ހުރިހާ ރަށެއްގެ ކަންކަން ގާތްގަނޑަކަށް ހުއްޓި، ބައެއް ދަނޑުތައް ހުރީ ވީރާނާވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، ރައީސްގެ ފުރިހަމަ އިރުޝާދާ އެކީގައި، ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަރަށް ހިތްވަރާއެކީގައި، ޒުވާނުންނާ ގުޅިގެން، ޒުވާނުންގެ އަޑު އައްސަވަމުން ގެންދެވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ޒުވާނުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ޔަޤީންކަމަކީ، މިހެން ހުރި ހުރިހާ ދަނޑުތަކެއް، ދާދި އަވަހަށް މި ސަރުކާރުން ނިންމައިދޭނެ ކަމުގެ ޔަޤީންކަން. އަދި ޒުވާނުން ބޭނުންވާ ކަންކަން ހިނދުކޮޅަކަށް ވެސް ހުއްޓާލައިގެން ނުވާނެއޭ. އެ އަޑު އުފުލަންޖެހޭނެއޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ޒުވާނުން ބޭނުންވާ ކަންކަމަށް ޒުވާނުން އެދެންޖެހޭ ކަމަށާއި އެ ޒުވާނުން، ޒުވާނުންގެ ގޮތުގައި ސަރުކާރުން ބަލައިގަންނަ ގޮތަކީ އެއީ ކަމަށް ވިދާޅުވެފަ އެވެ. ޒުވާނުންނަކީ ޤައުމުގެ ހަކަތަ ކަމަށާއި އެ ހަކަތައިގައި ވަރުނެތިއްޖެ ކަމުގައިވާނަމަ، ގައުމު ނުހިނގާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.