Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ފެނަކައިގެ ދަރަނި 2027 ގައި ފިލުވޭނެ: އެމްޑީ

ފެނަކަ ކޯޕަރޭޝަންގެ ދަރަނިތައް 2027 ގައި އެއްކޮށް ފިލުވައި ލެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ރޭ ވިދާޅުވީ ހައްލުތަކާއެކު، ފެނަކައިގެ ހުރިހާ ދަރަންޏެއް 2027 އަށް ފިލުވައިލެވި، އެ ކުންފުނީގެ އޮޕަރޭޝަންސްގައި ދިމާވާ މައްސަލަތައް ވެސް ހައްލު ކުރެވޭނެ ކަމަށެވެ.

އެހެންވެ އެކަމަށް އަމާޒު ކުރެވި ފިޔަވަޅުތަކެއް އަޅައި މިހާރު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހަރަދުތައް ކުޑަކޮށް ދަރަނިތައް ފިލުވަން ކުރާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ދާ ޚަރަދާ އެއްވަރަށް ސަބްސިޑީ ލިބިގެން ދިއުމާއި ޓެރިފް ޑިފަރެންސްގެ ގޮތުގައި ނަގާފައިވާ 619 މިލިއަން ރުފިޔާގެ ލޯނަށް ކެނޑުން ހުއްޓާލައި، އެސްޓީއޯ ތެޔޮ ބިލަށް އެ ފައިސާ ދެއްކުމާއި ލޯނުތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާ ތިން އަހަރަށް މަޑުޖައްސައި ދިނުމަށް އެދުމާއި އެމްއައިބީން ނަގާފައިވާ 400 މިލިއަން ރުފިޔާގެ ދެ ލޯނު ރީސްޓްރަކްޗާ ކުރުން
ސަރުކާރުގެ ފަރާތުން ފެނަކައަށް ލިބެންޖެހޭ ފައިސާ މަހުން މަހަށް ލިބުން ފަދަ ކަންކަމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

"މި ދެންނެވި ހައްލުތަކާ އެއްކޮށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދެހާސް ހަތާވީސް އަންނައިރުގައި މިހާރު މިހިރަ ހުރިހާ ދަރަންޏެއް އެއްކޮށް ފިލުވާލައި، އޮޕަރޭޝަންސްގައި މި ހުރި މައްސަލަތައް އެކީ އެއްކޮށް ހައްލު ކުރެވިގެންދާނެ." މުއާޒު ވިދާޅުވިއެވެ.

ސަރުކާރުން ދޭ ސަބްސިޑީއާއެކު މަހެއްގެ މައްޗަށް ފެނަކައަށް ލިބޭ ޖުމްލަ އާމްދަނީ އަކީ 213 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 79 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ޚަރަދުވާ އިރު، އެއީ އާމްދަނީގެ 35 ޕަސަންޓެވެ.

މުއާޒު ވިދާޅުވި ގޮތުގައި ފެނަކަ ރަނގަޅަށް ހިންގޭ ނަމަ، މުސާރައަށް ކުރާ ޚަރަދު 28 ޕަސަންޓަށް ކުޑަ ކުރެވޭނެ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ބުނެފައިވެ އެވެ. ޚަރަދު ކުޑަކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރާ އަޅައިބަލާ އިރު، ޚަރަދުން 140 މިލިއަން ރުފިޔާ ދަށް ކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.