އެމެރިކަން އެކްސްޕްރެސް (އެމެކްސް) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާދެމެދު އޮތް ގުޅުމަކީ ބޭންކެއްގެ ގޮތުގައި ބީއެމްއެލްއަށް ލިބުނު ކުރިއެރުމާއި ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ގުޅުމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
އެމެކްސް އާއި ބީއެމްއެލްގެ އެކްސްކުލޫސިވް ޕާޓްނާޝިޕަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމެކްސްއަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ އެތައް ބަޔަކު ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ފަރާތެއް ކަމަށެވެ. އަދި އެމެކްސް އާއެކު ގާއިމުކުރެވުނީ މުޅި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ގާއިމުކުރުމުގެ ބިންގަލެއް ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއަށް މުޅިން އަލަށް ކްރެޑިޓް ކާޑު ތައާރަފު ކުރި ދުވަސްވަރު އެ ކަމުގައި އެންމެ އިސްކޮށް ހުންނަވައިގެން ކުރެއްވި ފަހުރުވެރި މަސައްކަތަށް އިޝާރާތް ކުރައްވައި ޝަރީފު ވިދާޅުވީ އެ ދުވަސްވަރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި އެގޮތުން ރާއްޖެއަށް މުޅިން އާ ހިދުމަތަކަށްވުމާއެކު އެކަމާ ގުޅޭ މައުލޫމާތާއި ތަޖުރިބާވެސް އެ ބޭފުޅުންގެ ތެރޭގައި މަދު ކަމަށެވެ. ނަމަވެސް ޖޯޝާއި ފޯރީގައި އޭރު އެ މަސައްކަތް ކުރެއްވީ ހުއްޓުމެއް ނެތި ކަސްޓަމަރުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޭރު ދަސްވިކަމަކީ މި ހިތްވަރުގަދަ މަސައްކަތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ޒަމާނީކޮށްދޭނެ ކަމާއި ވިޔަފާރިތަކާއި ދަތުރުވެރީންނަށް ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއި އަދި ލުއިފަސޭހަކަން ލިއްބައިދޭނެކަން." ޝަރީފު ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ބީއެމްއެލް އާއި އެމެކްސްގެ ޓީމުތަކުގެ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވަމުން ޝަރީފު ވިދާޅުވީ އެއީ އެއް ޓީމަކުން އަނެއް ޓީމަކަށް އެއްބާރުލުން ދެމުން، އެންމެ ރަނގަޅަށް ކަންކަން ކުރުމަށް މަސައްކަތް ކުރި ޓީމުތަކެއް ކަމަށެވެ. އަދި ފައިސާ ދެއްކުމާއި ބޭންކިންގެ ދުނިޔެ ބަދަލުވަމުން އަންނައިރު އެމެކްސް އާއެކު އާ އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް ބީއެމްއެލް އިން އަޒުމް ކަނޑައަޅައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި ރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ އެމެކްސް އާއެކު އެ ބޭންކަށް ލިބުނު މުހިންމު ކާމިޔާބީތަކާއި ހާސިލުކުރެވުނު ލަނޑުދަތިތައް ފާހަގަކޮށްފަ އެވެ.
އެގޮތުން ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތައާރަފުކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދިނުމާއި ބީއެމްއެލް އިން އެމެކްސްގެ ހިދުމަތް ބަލައިގަތުން ރާއްޖެއަށް ތައާރަފުކޮށް އަވަސް ސްޕީޑެއްގައި ފުޅާކުރުން ހިމެނެއެވެ. އަދި ކުދި ފިހާރަތަކުން ފެށިގެން ރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެމްކްސް އާއެކު ބީއެމްއެލް އިން ފެށި "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭންވެސް ފާހަގަކޮށްލެވެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއަކީ މި އަހަރު ކުރީކޮޅު ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ ޝަރީއާ ހުއްދަކުރާ ކްރެޑިޓް ކާޑު އެމެރިކަން އެކްސްޕްރެސް އާއެކު ތައާރަފުކުރުމެވެ.
ތިން ލައްކައަށްވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށްވުރެ ގިނަ މާޗެންޓުންނާ އެކު، ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ހިދުމަތް ދިނުމާއި ހިދުމަތް ބަލައިގަންނަ ހަމައެކަނި ބޭންކު ވެސްމެ އެވެ.