Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ޔޯޔޯގެ ޑޮކިއު-ފިލްމު މި މަހު ނެޓްފްލިކްސް އަށް

އިންޑިއާގެ މަޝްހޫރު ރެޕާ/ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގްގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީ ފިލްމު "ޔޯޔޯ ހަނީ ސިންގް:ފޭމަސް" މި މަހުގެ 20 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

މީގެ ޕޯސްޓަރެއް ވެސް މިއަދު ވަނީ ދައްކާލައިފަ އެވެ.

ޔޯޔޯ އަކީ އިންޑިއާގެ އެންމެ މަޝްހޫރު ރެޕާއިންގެ ތެރެއިންއެކެކެވެ. މިހާތަނަށް މަގުބޫލު އެތައް ލަވައެއް ކިޔައި، ގިނަ އަދަދެއްގެ ވީޑިއޯ ލަވަ ވެސް ނެރެފައިވާ ފަންނާނަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ވެސް މިއުޒިކް ހަދައި ލަވަކިޔާފައިވާ މީހެކެވެ. އެގޮތުން މިހާތަނަށް މަޝްހޫރު އެތައް ތަރިންނެއްގެ ފިލްމުތަކަށް ޔޯޔޯ ލަވަ ކިޔާފައިވެ އެވެ.

އޭނަ ތިން ހަތަރު ފިލްމެއްގައި އެކްޓް ވެސްކޮށްފައިވެ އެވެ. އޭގެ ތެެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިއާއާ އެކީ ކުޅުނު 2014 ގެ "ދި އެކްސްޕޯސް" އެވެ.

މިއުޒިކީ ދާއިރާގައި ޔޯޔޯ ވަރަށް ކާމިޔާބު ނަމަވެސް އަމިއްލަ ޒާތީ ދިރިއުޅުމުގައި އޭނަ އަކީ ވަރަށް ގިނަ އެކި ކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ރަލާއި މަސްތުވާތަކެއްޗަށް އެޑިކްޓްވެ، ގިނަނ ދުވަސްތަކެއް ވަންދެން ރިހެބް ފަރުވާ ހޯދާފައިވެ އެވެ.

މިހާރު އުމުރުން 41 އަހަރުގެ ޔޯޔޯގެ ކައިވެނި ވެސް އޮތީ 2022 ގައި ރޫޅިފަ އެވެ.

އޭނަގެ ޑޮކިއު-ފިލްމު "ޔޯޔޯ ހަނީ ސިންގް: ފޭމަސް" ގައި ހަޔާތުގެ ގިނަ ސޮފުހާތަކެއް ދައްކުވައި ދޭނެ އެވެ. ގުނީތު މޮންގާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މޮޒެޒް ސިންގް އެވެ.