އދ. ކުނބުރުދޫ ފެނުގެ މަޝްރޫއު އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.
މިއީ ދައުލަތުގެ ބަޖެޓުން 45.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2022 ގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި މަޝްރޫއެކެވެެ. އދ. ކުނބުރުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ފެން ކުންފުން ބުނީ ކުނބުރުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައި މިހާރު ގޭބިސީތަކަށް ފެނުގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއީ ގިނަ ބައެއްގެ މިންނެތް މަސައްކަތުންކަމަށެވެ.
"މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުންނާ އެކި ހައިސިއްޔަތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރާ ހިނދު ކުނބުރުދޫގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން." އޭނަ ވިދާޅުވި އެވެ.
ކުނބުރުދޫގެ ފެނުގެ މަޝްރޫއުގެ ތެރެއިން 2.75 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާފައިވެ އެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން، ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގީ ވެސް ބަހައްޓާފައިވެ އެވެ.
މަޝްރޫއުގެ ދަށުން ގޭބިސީތަކަށް ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ވެސް ވަނީ ގުޅައިފަ އެވެ.