ކުށް މަދު ކުރުމަށް އައްޑޫގައި މިއަދު ފެށި "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި ބޭނުމެއް ނެތް ގޮތަށް ރަށުގެ ތެރޭގައި އުޅޭ މީސްމީހުންނާއި ރޭގަނޑުގެ ލަސް ގަޑިތަކުގައި މަގުމަތީގައި އުޅޭ ސްކޫލް ދަރިވަރުންނާ ސުވާލުކޮށް، އެ ފަރާތްތަކުގެ މައުލޫމާތު އެއްް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންް ބުނީ މި އޮޕަރޭޝަނުގެ ދަށުން އެސްއޯގެ 40 ފުލުހުންގެ މައްޗަށް ހިމެނޭ ޓީމެއް އައްޑޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން މަގުމަތި ޕެޓްރޯލް ކުރުމާއި ވީސީޕީ ޖަހައިގެން އުޅަނދުތައް ބަލައި ފާސްކުރުން ކުރިއަށް ގެންދާނެ އެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދާ އިރު ރޭނގަނޑު ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއް ނެތި މަގުމަތީގައި އުޅޭ މީސްމީހުންނާއި ސުވާލު ކުރުމާއި އަދި ރޭނގަނޑުގެ ލަސް ގަޑިތަކުގައި މަގުމަތީގައި އުޅޭ ސްކޫލް ދަރިވަރުންގެ މަޢުލޫމާތު އެއްކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދެވޭނެ ކަމަަަަަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫގައި އަމާން ރައްކާތެރި ވެއްޓެއް ޤާއިމްކޮށް ރައްޔިތުންނަށް ހިތްހަމަޖެހުމާއި އަމާންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ މަޤުސަދުގައި “އަފިރިންގެ އަމާން އައްޑޫ ސިޓީ” ނަމުގައި ފެށި މި އޮޕަރޭޝަނަކީ މޯލްޑިވްސް ޕޮލިސް ސަވިސްއިން މި އަހަރު އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ރާވައިގެން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތަކާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެެއް ކަމަަށް ފުލުހުން ބުންޏެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އޮޕަރޭޝަން ރަސްމީކޮށް ފެށިގެން ދިޔައީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އޮޕަރޭޝަން ފެށުމަށް ހުއްދަ ދިނުމުގެ ލިޔުމުގައި ސޮއިކުރެއްވުމުންނެވެ.
އޮޕަރޭޝަން ފައްޓަވައި ދެއްވުމަށް ފަހު އޮޕަރޭޝަނުގައި ބައިވެރިވާ ފުލުހުންނާއި މުޚާތަބުކުރައްވާ ޙުސައިން ވަހީދު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށާއި ހުވައެއްކޮށްގެން ފުލުހުންގެ ޔުނިފޯރމުގައި ނުކުންނަނީ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އަދި ފުލުހުން ކޮންމެ ދުވަހަކުގެ މަސައްކަތް ފެށުމުގެ ކުރިން ޢަޒުމް ކިޔުމުގެ ބޭނުމަކީ ވެސް އެކަން އަބަދު ހަނދާން ކުރުން ކަމަށާއި އައްޑޫ ސިޓީގައި ފުލުހުން ފަށާ އޮޕަރޭޝަން ކާމިޔާބު ކުރުމަށް ހުރިހާ ފުލުހުން އެއް ޓީމެއްގެ ގޮތުގައި އެއް ޢަޒުމެއްގައި މަސައްކަތްކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.