Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ރައީސަށް "އިންޒާރެއް" ދިން މައްސަލައެއް ބަލަނީ

ކުރީގެ ރައީސް އަމީންދީދީއާ ދެކޮޅަށް ރައްޔިތުން ނުކުމެ ހަވަރަށް ދިން ގޮތަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ މެދު ވެސް އެފަދައިން ކަންތައްވެގެން ދާނެ ކަމަށް ބުނެ "އިންޒާރު" ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.

އެފަދަ "އިންޒާރެއް" ދިނީ ކުޅުދުއްފުށީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ގެ އެކްޓިވިސްޓެއް ކަމަށްވާ ޢަބްދުއްރަޙްމާން އިސްމާޢީލެވެ.

އެ ޖަލްސާގައި އޭނަ ބުނީ "މުޙައްމަދު އަމީނު ވެސް ކުޅުނީ ދުންފަތާ" ކަމަށާއި "މީނަ [ރައީސް މުއިއްޒު] މި ކުޅެނީ ގާނޫނުއަސާސީއާ" ކަމަށެވެ. އެހެންވެ ރައީސް މުއިއްޒަށް އަމީނަށް ވެސް ވީ ގޮތް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފެންނާނެ ކަމަށް ބުނެފައިވެ އެވެ.

"ރީތި ކެއްސެއް ލިބިގެން ދާނެ." އަބްދުއްރަހްމާން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެކަން ފުލުހުންގެ ސަމާލުކަ މަށް އައިސްފައިވާތީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެމްޑީޕީން އަންނަނީ އަންނަ އަންގާރަ ދުވަހުގެ ރޭ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.