Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ކުރީގެ ނަސަންދުރަ އަންނަ އަހަރު ހުޅުވަނީ

މާލޭގައި ކުރިން ހިންގި މަޝްހޫރު ސިޓީ ހޮޓާ "ނަސަންދުރަ ޕެލަސް ހޮޓެލް" އަންނަ އަހަރު އަލުން ހުޅުވަން ތައްޔާރީތައްވާން ފަށައިފި އެވެ.

މާލޭގެ މޫނުމަތީގައި ހުރި އެ އިމާރާތަށް ގެނައި ބަދަލުތަކާ އެކީ ފަސް ތަރީގެ ލަގްޒަރީ ހޮޓަލެއްގެ ގޮތުގައި ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. އެތަން ހުޅުވާނީ "ބާސެލޯ ނަސަންދުރަ މާލެ" ނަމުގަ އެވެ.

މިތަނުގައި 136 ކޮޓަރި ހުންނާނެ އެވެ. އޭގެ ތެރޭގައި 95 އޯޝަން ވިއު ރޫމާއި 116 ލަގްޒަރީ ސާވިސް އެޕާޓްމަންޓް ހިމެނެ އެވެ.

މީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ޕޫލަކާއި ސްޕާ އާއި ކޮންފްރެންސާއި އެގްޒިބިޝަންތަކަށް ހާއްސަ ހޯލެއް ވެސް ހުންނާނެ އެވެ.

"ބާސެލޯ ނަސަންދުރަ މާލެ" ގެ ނަމުގައި ނަސަންދުރަ އަލުން އޮޕަރޭޓްކުރަނީ ސްޕެއިންގެ ހޮޓެލް ޗެއިން ބާސެލޯ ގްރޫޕުންނެވެ. އެ ކުންފުނިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 'ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް" ގެ ނަމުގައި އދ. އަތޮޅުގައި ފަސް ތަރީގެ ރިސޯޓެއް ވެސް ހުޅުވާފައިވެ އެވެ.