Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައްޔިތުން ކެތްތެރިވެ، ރައީސަށް ވަގުތުދީ: ފައިސަލް

ރައްޔިތުންގެ ކެތްތެރިވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަގުތު ދިނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ގޮވާލައިފި އެވެ.

އެމްއެމް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފައިސަލް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ "ޑިފޯލްޓް" ވާ ހިސާބުގައި ކަމަށާއި ނަމަވެސް މި ހާލަތު މެނޭޖް ކުރެވުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ކުރަމުންދިޔަ ފައިސާ ޗާޕު ކުރުމުގެ މަސައްކަތް ހުއްޓާލައި، ބޮޑުތަނުން ހަރަދުތައް ކުޑަކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރަން ބޭނުން، ކެތްތެރިކަމާއެކީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަގުތު ދިނުމަށް،" ފައިސަލް ވިދާޅުވި އެވެ.

ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ގެންދަވަނީ އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުން ކަމަށާއި އެކަމަށް ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދިނުމަށް ފައިސަލް ގޮވާލެއްވި އެވެ. ޑޮލަރު މާރުކުރުމުގެ ކަންކަމުގައި ވެސް ލުއިތަކެއް މިހާރު ހޯދައިދީފައިވާނެ ކަމަށާއި މިވަގުތު ރައީސަށް އެއްބާރުލުންދީ މަޝްވަރާ އަށް ވަޑައިގަތުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަގުތު ބޭނުންވޭ އިނގޭތޯ. ވަރަށް އެދެން އިންޑަސްޓްރީގެ އަރިހުން މިވަގުތު ރައީސަށް އެއްބާރުލުން ދެއްވުމަށް. އަޅުގަނޑުމެންނާ އެކީ މަޝްވަރާ ކުރަން ވަޑައިގަންނަވާ. އަޅުގަނޑު މިހުރީ އެ ބޭފުޅުން ގުޅާލި ކޮންމެ ގަޑިއަކު ވަގުތު ދޭނަން. އަޑުއަހާނަން، މަޝްވަރާ ކުރާނަން އަދި ރައީސާއި ހިސާބަށް އެ ޝަކުވާތައް ގެންގޮސް ހައްލު ހޯދައިދޭނަން،" ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެ އަންނަ ފަތުރުވެރިން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާނެ ކަމަށާއި އެ މަގަށް މަސައްކަތް ކުރަމުންދާއިރު، އުއްމީދަކީ މި ފަސް އަހަރު ނިމޭއިރު މަދުވެގެން 3.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.