ރާއްޖެ އިޝްތިހާރު ކުރަން ޔޫރަޕްގެ ކްލަބުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފައިސަލް ވިދާޅުވީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ކުރިއަށްދިޔަ ވޯލްޑް ޓެރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ ވެސްޓްހަމް ޔުނައިޓެޑް އަދި އެސްޓަންވިލާގެ ބޭފުޅުންނާއި ބައްދަލުކޮށް ރާއްޖެ މާކެޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅޭގޮތުން ޔުވެންޓަސް އާއި ވެސްޓްހަމުން ރާއްޖެ އަށް ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ މީގެއިން ސްޓޭޑިއަމެއްގެ ޑިޖިޓަލް ސްކްރީންތަކަށް "ވިޒިޓް މޯލްޑިވްސް" އެރުވޭނެ ގޮތްތަކެއް ހެދުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެ ސްޓޭޑިއަމްތަކުގައި ރާއްޖޭގެ ރިސޯޓުތައް އިޝްތިހާރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
"ޔުވެންޓަސްގެ މާކެޓިން ޓީމާއި ވާހަކަދެއްކިއިރު އެ ބޭފުޅުން ވިދާޅުވި، ވިޒިޓް މޯލްޑިވްސް އަރުވާފައި ބައެއް ރިސޯޓުތަކުގެ އެޑްތައް ވެސް ލައިދެވިދާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.
މީގެއިތުރުން އެ ކްލަބުތަކުގެ މޮޅެތި ކުޅުންތެރިން ރާއްޖެ ޕްރޮމޯޓްކުރަން ރިސޯޓުތަކަށް އައިސް މަސައްކަތްކޮށްދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި ފުޓްބޯޅައިގެ އިތުރުން ގޮލްފް ކޯސްއަކާ އެކީ ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި އެގޮތުން އުއްމީދަކީ މި ފަސް އަހަރު ނިމޭއިރު މަދުވެގެން 3.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.