Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގައުމު ދެކެ ލޯބިވާ ކުދިން ބިނާކުރަން އަޒުމަކަށް ވާން ޖެހޭ

ގައުމު ދެކެ ލޯބިވާ ކުދިންތަކެއް ބިނާކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ސްކޫލްގައި އެޅިގެން ދަނީ ޤައުމުގެ މުސްތަޤްބަލުގެ ވަރަށް ރަނގަޅު ބިންގަލެއް ކަމަށާއި މި ކުދިން ފެނިގެން ދިޔުމުން ހިތްވަރު ލިބިގެންދާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެކުގައި ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ ޢަޤީދާގެ މަތީގައި ތިބި، ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް އަށަގަނެފައިވާ ދިވެހި ލޮބުވެތި ދަރިންތަކެއް ޤައުމުގެ މުސްތަޤްބަލާ ހަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާކުރުމުގައި އަޅުގަނޑުމެން އެންމެން އެކުގައި، އެއް ރޫޙެއްގައި ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލަކީ ވަރަށް އުޖާލާ މުސްތަޤްބަލެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އަންނަ އަހަރު އެ ސްކޫލަށް ފަސޭހައިން ވަދެވޭގޮތަށް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކޮށްދޭން ހުރި އަދި ކޮށްދެވޭނެ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ސްކޫލުން ބޭނުންވާ އިތުރު ކަންކަމުގައިވެސް ސްކޫލްގެ ފަރާތުން ސަރުކާރުގައި، އެޑިޔުކޭޝަން މިނިސްޓްރީގައި އެދިވަޑައިގެންފައިވާނަމަ، އަދި އެދިވަޑައިގެންފިނަމަ، ކުރިއަށް އޮތް ތަނުގައި އެކަންކަން އަޅުގަނޑުމެން ކޮށްދޭނަން. ކައުންސިލުގެ ކިބައިންވެސް އަޅުގަނޑު އެދެން ބޭނުންވަނީ، ސްކޫލުން އެދޭ ކަންކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުމަށް،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ސެން ޓީޗަރުން ތަމްރީނުކުރުމަށް އާ ޕްރޮގްރާމެއް، އާ ކޮންސެޕްޓަކަށް ފަަށަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވެފަ އެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ ހުރިހާ ޓީޗަރުންނަށް ވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ގޮތް އެންގުން ކަމަށާއި، އަދި އެ ދާއިރާއަށް ޚާއްސަ ޓީޗަރުން ބިނާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.