ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސުބާޝް ގާއީގެ ހާލު ދެވަރެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން މިއަދު ބުނީ 79 އަހަރުގެ ޑައިރެކްޓަރަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކަމަށެވެ. އަދި އޭނަ އެޑްމިޓްކުރީ ނޭވާލާން އުނދަގޫވެ، ހަށިގަނޑުން ވަރަށް ބޮޑަށް ވަރުދެރަވާން ފެށުމުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ގާއީ އަކީ 1980 އާއި 1990 ގެ ތެރޭގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. އޭނަގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ "ކަރްޒް" އާއި "ހީރޯ" އާއި "ރާމް ލަކަން" އާއި "ކަލްނަޔަކު" އާއި "ޕަރްދޭސް" ގެ އިތުރުން "ތާލް" އެވެ.
ގާއީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.
ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ގާއީ ވަނީ އޭނަ ޕްރޮޑިއުސްކުރި 2004 ގެ ފިލްމު "އެއިތުރާޒް" ގެ ދެވަނަ ބައެއް ހަދަން ނިންމިކަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.
ދާދި ފަހުން ގާއީގެ އޮޓޯބައޮގްރަފީ "ކަރްމާސް ޗައިޑް: ސުބާޝް ގާއީ" ވެސް ނެރެފައިވެ އެވެ.